ދުނިޔެ

ޖަރުމަނު ރެޑްކްރޮސްގެ ނަރުހެއް ސޯމާލިއާގައި ރަހީނުކޮށްފި

ސޯމާލިޔާގައި އިންސާނީ އެހީދިނުމަށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް(އައިސީއާރްސީ)އާއެކު މަސައްކަތްކުރަމުން އައި ޖަރުމަނު ރެޑްކްރޮސްގެ އަންހެން ނަރުހެއް ސޯމާލިޔާގެ ވެރިރަށް މޮގަދިސޫގައި ރަހީނުކޮށްފިއެވެ.

އައިސީއާރްސީން ބުނީ އައިސީއާރްސީގެ އިމާރާތުގެ ތެރެެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ނަރުސް ހައްޔަރުކުރީ ރޭ ސޯމާލިއާ ގަޑިން އަށެއްޖަހާ އެހާކަށްހާއިރު ކަމަށެވެ. ސޯމާލިޔާ ފުލުހުން ބީބީސީއަށް ބުނެފައި ވަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ރަހީނުކުރިކަމުގެ ޒިންމާ އަދި އެއްވެސް ބަޔަކު ނޫފުލާ ކަމަށެވެ. ސޯމާލިޔާ އަކީ ހަނގުރާމަވެރި ތަފާތު ގިނަ ޖަމާއަތްތައް ހަރަކާތްތެރިވާ ގައުމެކެވެ.

ސޯމާލިޔާގައި ނަރުހަކު ވަގަށް ނެގި ހާދިސާ ހިނގާފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއަށް މަސައްކަތް ކުރަމުން އައި އަންހެނެއްގެ ގަޔަށް ބަޔަކު ބަޑިޖަހައި މަރައިލިތާ އެއް ދުވަސްފަހުންނެވެ. އޭނާއަށް ހަމަލާދިން ބައެއްވެސް އަދި ވަނީ ނޭނގިއެވެ.

ހަނގުރާމަ ހިނގާތާ ގިނަ އަހަރުތަކެއްް ވެފައިވާ ސޯމާލިޔާ ވެފައި ވަނީ އެހީދޭ ޖަމާއަތްތަކުގެ މީހުންނަށް އެންމެ ނުރައްކާތެރި އެއްގައުމަށެވެ. ނަމަވެސް އެގައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ފަހަކަށް އައިސް ކުރިއަށް ވުރެ ވަރުގަދަކުރުމުން ހާދިސާތައް ހިނގުން އޮތީ މަދުވެފައެވެ.