ހަބަރު

ރައީސްގެ އުފަންދުވަސް ކުލަގަދަކޮށް މިއަދު ފާހަގަ ކުރަނީ

May 21, 2015
3

ރައީސް އަބްދުﷲ ޔާމީނަށް މިއަދު 56 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ހެޔޮ އެދޭ އެކި ފަރާތްތަކާއި ސަޕޯޓަރުން، ގުޅިގެން މާލެ އާއި އަތޮޅުތަކުގައި އަދި ސްރީލަންކާގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.

އެގޮތުން ރައީސްގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ކުޑަކުދިންގެ ހަވީރެއް މާލޭގެ ތިން ސަރަހެއްގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ އެކި ކުޅިވަރުތަކާއި ރައީސްގެ ފަރާތުން ކުޑަކުދިންނަށް ހަދިޔާ ބެހުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ، މާފަންނު ސޯޝަލް ސެންޓަރު ކުރިމައްޗާއި ކޯރުކެނޑިމަގާއި ބުރުޒުމަގުގައި މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. މިފަދަ ކުޑަކުދިންގެ ހަވީރެއް ސްރީލަންކާގެ ސޯސަންވިލާ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ބާއްވާނެ އެވެ.

މާލޭގައި ބާއްވާ ހަރަކާތްތަކުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން ރައީސްގެ އުފަންދުވަހުގެ މުނާސަބަތުގައި ސަޕޯޓަރުން ހަދިޔާ ކުރާ އުފަންދުވަހުގެ ބޮޑު ކޭކެއް ފަޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

މީގެ އިތުރުން ގިނަ ބަޔަކު އަންނަނީ މިހާރު ވެސް ރައީސްއަށް ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ. މީގެ އިތުރުން އެމަނިކުފާނުުގެ ސަޕޯޓަރުން އަންނަނީ އަމިއްލަ ހައިސިއްޔަތުން ވެސް ކޭކު ފަދަ ތަކެއްޗާއި ބައެއް ހަދިޔާ އެމަނިކުފާނަށް ފޮނުއްވަމުންނެވެ.