ހަބަރު

އަލިފުށީ ގުދަނެއް އަނދާ ހުލިވެ 3.5 މިލިޔަން ރުފިޔާގެ ގެއްލުން ވެއްޖެ

May 21, 2015

ރ. އަލިފުށީގައި ގިނަ އަދަދެއްގެ މުދާ ވައްދާފައި ހުރި ގުދަނެއްގައި ރޯވެ އެއްކޮށް އަނދައި ހުލުވެއްޖެ އެވެ.

އަލިފުށީ ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފސަރު އާދަމް މާހިރު މިއަދު ވިދާޅުވީ ރޯވެ މުދަލާއެކު އަނދާ ހުލިވެގެން ދިޔައީ އެ ރަށު ރީފް، އަބްދުއް ރަހުމާން ޔޫސުފުގެ ގުދަނެއް ކަމަށާއި ރޭގެ އެ ހާދިސާގައި މީހަކަށް ވެސް އިތުރު ތަނަކަށް ވެސް ގެއްލުމެއް ނުވާ ކަމަށެވެ.

އަލިފުށީ ގުދަނުގައި ރޯވީ ރޭ މެންދަމު 3:00 ޖެހި އިރު އެވެ. އަލިފާންގަނޑު ނިވުނީ ގުދަން އަނދައި ހުލިވެފައި ވަނިކޮށް ފަތިހު 4:00 ވެސް ޖަހާ ބޮޑުވި ފަހުންނެވެ. ރޯވި އެ ގުދަނުގައި ގިނަ އަދަދެއްގެ ޕެޓްރޯލާއި ފައިބަރާއި ލަކުޑިއާއި ވާވެލާ ވެއްޔާއި އެނޫންވެސް ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. އެ ހުރިހާ އެއްޗެއް ވަނީ އަނދައިގެން ގޮސްފަ އެވެ.

މާހިރު ވިދާޅުވީ އަނދައިގެން ދިޔަ ގުދަނަކީ އިންޝުއަރެންސް ކޮށްފައިވާތަނެއް ކަމަށާއި އެ ގުދަނުގައި ހުރި މުދަލުގެ އަގު 3.5 މިލިޔަނަށް އަރާ ކަމަށް ވެރިފަރާތުން ބުނާ ކަމަށެވެ.

"ރޭގެ އަލިފާނަށް ފަހު އެ ހާދިސާ ތަހުގީގު ކުރަމުން ދަނީ. އެއްވެސް މީހަކު ވެސް އަދި ތަނުގެ ވެރިފަރާތުން ވެސް މިއީ ބަޔަކު ނޫނީ މީހަކު ރާވައިގެން ހިންގި ކަމެއް ކަމަށް ޝައްކެއް ނުކުރޭ. ގަބޫލް ކުރެވިފައި އޮތީ އެކްސިޑެންޓެއް ކަމަށް." މާހިރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރޯވި ގުދަނުގައި ކަރަންޓް ވެސް ނުުހުންނަ ކަމަށެވެ.