ދުނިޔެ

ކިމް އާއި ޓްރަމްޕް ބައްދަލުކުރައްވާ ތަނާއި ގަޑި ކަނޑައަޅައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވަން އުޅުއްވާ ތާރީހީ ބައްދަލުވުމުގެ ގަޑިއާއި ތަން ކަނޑައަޅާފައިިވާ ކަމަށް ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.

ބައްދަލުވުމުގެ ގަޑިއާއި ތަން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި ނަމަވެސް ގަޑިއެއް ވެސް ތަނެއް ވެސް ޓްރަމްޕް އަދި ވިދާޅެއް ނުވެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނީ ކިމްއާއި ޓްރަމްޕްގެ ބައްދަލުވުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އޮންނާނެ ކަމަށެވެ. އެ ބައްދަލުވުން ބާއްވާނެ ތަނަކާ މެދު ޓްރަމްޕް ކުރިން ވަނީ ދެ ގޮތަކަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ބައްދަލުވުން ބާއްވަފާނެ ކަަމަށް އޭނާ ވިދާޅުވި އެއް ތަނަކީ ދެ ކޮރެއާ ދެމެދުގައި އޮންނަ އަސްކަރީ ހަރަކާތްތައް ހިންގުން މަނާ ސަރަހައްދެވެ. އަދި ދެވަނަ ތަނެއްގެ ގޮތުގައި ފާހަގަ ކުރައްވާފަައި ވަނީ ސިންގަޕޫރެވެ.

ޓްރަމްޕާއި ކިމްގެ ބައްދަލުވުން ވެގެން ދާނީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބާއްވާ ފުރަތަމަ ބައްދަަލުވުމަށެވެ.

ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން މި ހިނގާ މޭމަހުގެ 22 ވަނަ ދުވަހު އެމެރިކާއަށް ވަޑައިގެން ވައިޓްހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ވައިޓްހައުސް އިން ބުނީ އެ ބައްދަލުވުމުގެ ބޭނުމަކީ ދެކުނު ކޮރެއާއާ އެމެރިކާއާ ދެމެދު އޮތް އެކުވެރިކަން ބައްދަލުވުމުގެ ކުރިން ހާމަކޮށްލުން ކަމަށެވެ.