ފަލަސްތީން

ޣައްޒާ މުޒާހަރާއަށް އިޒްރޭލުން ހަމަލާދީ 1100 މީހުން ޒަހަމްކޮށްލައިފި

އިޒްރޭލު އުފެއްދި އިރު ފޭރިގަތް ބިންތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލަައި ޣައްޒާއާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރީ ފަލަސްތީނު މީހުން ކުރަމުންދާ ދެމިގެންވާ މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިއާއި ކަރުނަގޭހުން ހަމަލާދީ 1100 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހީ އެހީތެރިންނާ ހަވާލާދީ ރޮއިޓާސް ބުނީ އިއްޔެގައި ޒަހަމްވީ މީހުންގެ ތެރެއިން 82 މީހަކު ޒަހަމްވީ އިޒްރޭލު ސިފައިން ޖެހި ބަޑީގެ ވަޒަންތަކުން ކަމަށެވެ. އަދި އޭގެ ތެރެއިން 800 މީހަކު ޒަހަމްވީ ކަރުނަގޭހުގެ ސަބަބުން ކަމަށާއި ދެން ތިބި މީހުންނަށް އަަނިޔާ އެހެން ގޮތްގޮތުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ފޭރިގެންފައިވާ ބިންތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލައި " ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން މުޒާހަރާއެއް ކުރަން ފެށީ މާޗްމަހުގެ 30 ވަނަ ދުވަހުއެވެ. އެހަރަކާތް މިހިނގާ މޭމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމީހުން ކުރިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިޒްރޭލު އުފެއްދުމަށް 1948 ވަނަ އަހަރު އެތައް ލަައްކަ ބަޔަކު ގެދޮރުން ބޭރުކޮށްލިއެވެ. އެމީހުން އަނބުރާ ވަޒަނަށް ގެންދަން އަންގައި އދ. އިން އޭގެ ފަހުން ގަރާރެއް ވެސް ފާސްކުރިއެވެ. ނަމަވެސް އެކަން އިޒްރޭލުން ތަންފީޒުކޮށްފައި ނުވާ އިރު އދ. އިިން އެކަމަކަށް ފިޔަވަޅެއް ވެސް ނާޅައެވެ. އޭރުގައި ގެދޮރުން ބޭރުކޮށްލި ފަލަަސްތީނު މީހުން ދިރިއުޅެމުން އަންނަނީ ލުބުނާނާއި ސޫރިޔާއާއި އެނޫން ވެސް ބައެއް ތަންތަނުގައިވާ ރެފިއުޖީ ކޭމްޕްތަކުގައެވެ.