ދުނިޔެ

އުތުރު ކޮރެެއާގެ ގަޑި ދެކުނު ކޮރެއާއާ ހަމަކޮށްފި

އަމިއްލަ ޓައިމް ޒޯނެއް ހަދައި ދެކުނު ކޮރެއާއަށް ވުރެ ބައި ގަޑިއިރު ލަސްކޮށްގެން އުޅުމަށް ފަހު އުތުރުކޮރެއާގެ ގަޑި ރޭ މެންދަމު ދެކުނުކޮރެއާއާ ހަމަކޮށްފިއެވެ. އުތުރުކޮރެއާގެ ގަޑި ބަދަލުކުރީ 2015 ވަނަ އަހަރުއެވެ.

އުތުރުކޮރެއާ ސަރުކާރުގެ ނިއުސް އެެޖެންސީ "ކޭސީއެންއޭ" ބުނީ ގަޑި ބަދަލުކުރުމަކީ ދެކޮރެެއާގެ އެއްބައިވަންތަވުމަށް އެޅި އަމަލީ ފުރަތަމަ ފިޔަވަޅުކަމަށެވެ.

އުތުރުކޮރެއާއިން 2015 ވަނަ އަހަރު ގަޑި ބަދަލުކުރީ ޖަޕާނާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމަށެވެ. އެ ފިޔަވަޅު އެޅީ ޖަޕާނުގެ އިސްތިއުމާރުގެ ދަށުން ދެކޮރެއާ ( ކުރިން އެއް ގައުމެއްގެ ގޮތުގައި އޮތް އިރު) މިނިވަންވީތާ 70 އަހަރު ފުރުން ފާހަގަ ކުރުމާ ދިމާކޮށެވެ. އޭރުގައި ބުނީ ޓޯކްޔޯއާ އެއްގޮތް ކުރަން " ނުލަފާ ޖަޕާނުމީހުން" ކަނޑައެޅި ގަޑިއަށް ތަބާ ނުވާނެ ކަމަށެވެ. ޖަޕާނުގެ ގަޑިއާ ތަފާތުކުރުމަށް ދެކުނުކޮރެއާއިން ވެސް 1950 ގެ އަހަރުތަކުގައި ގަޑި ބަދަލުކުރިއެވެ. ނަމަވެސް 1960 ގެ އަހަރު ތަކުގައި އަލުން ކުރީގެ ގޮތަށް ބަދަލުކޮށްލީއެވެެ.

އުތުރުކޮރެއާއިން މިފިޔަވަޅު އެޅީ ދެކޮރެއާގެ ލީޑަރުން ބޭއްވެވި ތާރީހީ ބައްދަލުވުމަށް ފަހު، ދެގައުމުގެ ދެމެދުގައި ގުޅުން ރަނގަޅު ކުރުމަށް ފެށި މަސައްކަތުގެ ތެރޭގައި ހިމަނައިގެންނެވެ. އެ ބައްދަލުވުމަށް ފަހު އެއްގައުމުން އަނެއް ގައުމަށް ޖެއްސުންކޮށް އަޑު ގަދަ ކުރަން ކުރިން ބަހައްޓާފައި ހުރި ލައުޑްސްޕީކަރުތައް ވެސް ވަނީ ނަގާފައެވެ.