ދުނިޔެ

ޕެރިސް ހަމަލާގެ ވާހަކަ ޓްރަމްޕް ދެއްކެވި ގޮތުން ފްރާންސް ރަތަށް

ފްރާންސްގެ ވެރިރަށް ޕެރިހުގައި 2015 ވަނަ އަހަރު ދިން ހަމަލާގެ ވާހަކަ އެމެރިކާގެ ރައިސް ޑޮނަލްޑް ޖޭ ޓްރަމްޕް އިއްޔެގައި އޮޅުވާލައްވައިގެން ދެއްކެވުމުން ފްރާންސް ސަރުކާރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ބަޑި ގެންގުޅުމަށް ހުއްދަ އޮތުމާ އެއްކޮޅަށް އެމެރިކާގެ ނެޝަނަލް ރައިފަލް އެސޯސިއޭޝަނުން ޑަލާސް ގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޕެރިސް ހަމަލާ ދިން އިރު އެތަނުގައި ތިބި އާއްމުންގެ ތެރެއިން މީހެއްގެ އަތުގައި ބަޑި އޮތް ނަމަ ޓެރަރިސްޓުން ހުއްޓުވުނީސް ކަމަށެވެ. އަދި އެހާދިސާ ހިނގި ގޮތް ކަމަށް ވިދާޅުވެ ހަރަކާތްތަކާއި އެކު ޓްރަމްޕް ދެއްކެވީ ހަގީގަތުގައި ކަން ހިނގި ގޮތާ ހިލާފު ވާހަކަފުޅެކެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ ޓްރަމްޕްގެ ވާހަކަފުޅާ ދެކޮޅު ހަދާ ކަމަށާއި އެހާދިސާގެ ޝިކާރަވި މީހުންގެ ހަނދާންތަކަށް އިހުތިރާމްކުރަން ޖެހޭަނެ ކަމަށެވެ. ޕެރިސް ހަމަލާ ދިން އިރު ފްރާންސްގެ ރައީސް ކަމުގައި ހުންނެވި ފްރެންކޮއި އޮލާންޑު ވިދާޅުވީ ޓްރަމްޕްގެ ވާހަކަފުޅަކީ ލަދުވެތި ވާހަކަފުޅެއް ކަމަށެވެ.

" ޓްރަމްޕްގެ ވާހަކަތަކަކީ ލަދުވެތި ވާހަކަތަކެއް. އެވާހަކަތަކުން ދައްކައިދެނީ އޭނާ ފްރާންސާއި ފްރާންސްމީހުންގެ އުސޫލުތަކާ މެދު ދެކޭ ގޮތް." އޮލާންޑް ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.

ޓްރަމްޕް އަސްލުގައި ވިދާޅުވީ ކީކޭ؟

" ޕެރިސް، ފްރާންސްގައި އޮތީ ބަޑިއާ ބެހޭ ގޮތުން ދުނިޔޭގައި އޮތް އެންމެ ހަރުކަށި ގާނޫނު. ޕެރިހުގައި އެއްވެސް މީހަކަށް ބަޑިއެއް ލިބިގެނެއް ނުވޭ. އެއްވެސް މީހަކަށް. އަދި އަހަރެމެން އެންމެން ހަނދާން އެބަހުރި [މަރުވި] 130 މީހުންނާއި ޒަހަމްވި ގިނަ އަދަދެއްގެ މީހުން. އެއްވެސް މީހަކު އެމީހުންނާ ބެހޭ ގޮތުން ވާހަކަ ނުދައްކާކަން ތިޔަބޭފުޅުންނަށް ފާހަގަ ކުރެއްވޭތޯ؟" ނެޝަނަލް ރައިފަލް އެސޯސިއޭޝަންގެ މެމްބަރުންނާ މުހާތަބުކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.

" އެބައެއްގެ އަތުގައި ބަޑި ހުރި ކުޑަ ޓެރަރިސްޓް ގްރޫޕަކުން އެމީހުން މަރާލީ. އެމީހުން ވަގުތު ހޭދަކޮށްގެން ފަހަރަކު މީހަކު މަރާލީ. މިތަނަށް އާދޭ، ބޫމް، މިތަނަށް އާދޭ، ބޫމް،" ބަޑިއެއް ގެންގުޅުއްވާ ގޮތަށް ތަމްސީލު ދައްކަވަމުން ޓްރަމްމްޕް ވިދާޅުވިއެވެ.

ދެން ވިދާޅުވީ އެހާދިސާ ހިނގި ތަނުގައި ބަޑި ހިފައިގެން ހުރި އެންމެ ރައްޔިތަކުގެ ހުރެފައި ޓެރަރިސްޓުންނާ ދިމާލަށް ބަޑިޖެހި ނަމަވެސް ޓެރަރިސްޓުން ފިލީސް ކަމަށެވެ.

ހަގީގަތުގައި ކަން ހިނގީ ކިހިނެތް؟

ފްރާންސްގެ ވެރިރަށް ޕެރިހުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހު ބަޑީގެ ހަމަލާތަކެއް ދިނީ އިސްލާމިކް ސްޓޭޓް ( އައިއެސް) އަށް ނިސްބަތްވާ ހަނގުރާމަވެރިން ތަކެކެވެ. އެމީހުން ފުރަތަމަ ހަމަލާ ދިނީ ކެފޭތަކަށް ދިޔަ މީހުންތަކަކަށެވެ. އަދި އެހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާ ދިނީ ބެޓަކްލާން ނަމަކަށް ކިޔާ ކޮންސާޓް ހޯލަކަށެވެ. އެތަނަށް ދިން ހަމަލާގައި 88 މީހުން މަރުވިއެވެ.

ހަމަލާ ދިން ބައެއް މީހުން މަރުވީ އެކަން ހުއްޓުވަން ފްރާންސް ފުލުހުން ދިން ހަމަލާތަކުގަޔާއި އޭގެ ފަހުން އެމީހުން ހޯދުމަށް ކުރި މަސައްކަތުގައި ދިން ހަމަލާތަކުގައެވެ. އޭގެ ތެރެއިން މަރުނުވެ ހުރީ އެންމެ މީހެކެވެ. ސަލާހް އަބުދުއް ސަލާމް ނަމަކަށް ކިޔާ އެމީހާ މިހާރު ހުރީ ޖަލުގައެވެ.