ދުނިޔެ

ޣައްޒާގައި އެއްޗެއް ގޮވައި ހަ މީހުން މަރުވެއްޖެ

ފަލަސްތީނުގެ ޣައްޒާގެ ދައިރުލް ބަލާހް ނަަމަކަށް ކިޔާ އަވަށުގައި ރޭ އެއްޗެއް ގޮވުމުގެ ސަބަބުން ހަ މީހުން މަރުވެއްޖެ އެވެ.

ޣައްޒާގެ ހެލްތު އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެރަށުގައި އެއްޗެއް ގޮވި ހާދިސާގައި މަރުވި ހަމީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވެސް ވި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ގޮވީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ އެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އިއްޒުއްދީނުލް ގައްސާމް ބްރިގޭޑުން ތުހުމަތުކުރާ ގޮތުގައި އެއީ އިޒްރޭލުން ދިން ހަމަލާއެކެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފަލަސްތީނުގެ މަސްދަރަކާ ހަވާލާދީ އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނީ ހާދިސާގައި މަރުވީ މުޅިންވެސް ހަމާސްގެ މެމްބަރުން ކަމަށެވެ. އަދި ބުނީ އެ ހާދިސާއަކީ އިމާރާތެއްގައި ގޮވާތަކެތި ގެންގުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ޣައްޒާގައި މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ އެރަށުގެ މަޝްރަހު ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލު އުފައްދަން ފޭރިގަތް ބިންތަކުން ބޭރުކޮށްލި ފަލަސްތީނު މީހުން އެމީހުންގެ ވަޒަނަށް އިއާދަވުމުގެ ފުރުސަތު ދިނުމަަށް ގޮވާލައި ޣައްޒާއާއި އިޒްރޭލު ގުޅޭ ބޯޑަރުގައި ފަލަސްތީނު މީހުން މުޒާހަރާކުރާތާ މިހާރު މަސް ދުވަސް ވެއްޖެ އެވެ. އެ މުޒާހަރާތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި 50 އަކަށް މީހުން މަރުވި އިރު އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ.

ފޭރިގެންފައިވާ ބިންތަކަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލައި " ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން މުޒާހަރާއެއް ކުރަން ފެށީ މާޗްމަހުގެ 30 ވަނަ ދުވަހުއެވެ. އެހަރަކާތް މިހިނގާ މޭމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމީހުން ކުރިން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިޒްރޭލު އުފެއްދުމަށް 1948 ވަނަ އަހަރު އެތައް ލަައްކަ ބަޔަކު ގެދޮރުން ބޭރުކޮށްލިއެވެ. އެމީހުން އަނބުރާ ވަޒަނަށް ގެންދަން އަންގައި އދ. އިން އޭގެ ފަހުން ގަރާރެއް ވެސް ފާސްކުރިއެވެ. ނަމަވެސް އެކަން އިޒްރޭލުން ތަންފީޒުކޮށްފައި ނުވާ އިރު އދ. އިިން އެކަމަކަށް ފިޔަވަޅެއް ވެސް ނާޅައެވެ. އޭރުގައި ގެދޮރުން ބޭރުކޮށްލި ފަލަަސްތީނު މީހުން ދިރިއުޅެމުން އަންނަނީ ލުބުނާނާއި ސޫރިޔާއާއި އެނޫން ވެސް ބައެއް ތަންތަނުގައިވާ ރެފިއުޖީ ކޭމްޕްތަކުގައެވެ.