ދުނިޔެ

ނުވަ އަހަރަށް ފަހު ލުބުނާނުގައި އިންތިހާބު ބާއްވައިފި

ޕާލަމެންޓްރީ އިންތިހާބެއް އެންމެ ފަހުން ބޭއްވިތާ 10 އަހަރުވާން ދަނިކޮށް ލުބުނާނުގައި މިއަދު އިންތިހާބު ފަށައިފިއެވެ.

އެގައުމުގައި އެންމެ ފަހުން އިންތިހާބު ބޭއްވީ 2009 ވަނަ އަހަރުގައެވެ. އެ އިންްތިހާބުގައި މެމްބަރުން އިންތިހާބުކުރީ ހަތަރު އަހަރުގެ ދައުރަކަށެވެ. ނަމަވެސް އަވަށްޓެރި ސޫރިޔާގައި ހަނގުރާމަހިނގާތީ އާއި އިންތިހާބީ ނިޒާމު އިސްލާހު ކުރުމަށް ކަމަށް މެމްބަރުންގެ ދައުރުގެ މުއްދަތު ދެފަހަރަށް ވަނީ އިތުރުކޮށްފައެވެ.

އިންތިހާބެއް ނުބާއްވާ ހޭދަވީ މުއްދަތުގެ ތެރޭގައި ލުބުނާނުގެ ވޯޓުލުމުގެ ނިޒާމަށް ބަދަލު ގެނެސް އިންތިހާބީ ދާއިރާތަކުގެ އަދަދުވެސް ވަނީ މަދުކޮށްފައެވެ. އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ ލުބުނާނު ރައްޔިތުންނަށް ވޯޓު ލެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ލުބުނާނު ޕާލަމެންޓަނަށް މިއަދު އިންތިހާބު ކުރާނީ 128 މެމްބަރުންނެވެ.

މިއަދު ނަގާ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނެ ކަމަށް ބެލެވެނީ މާދަމާ ނުވަތަ އަންގާރަ ދުވަހުއެވެ.

ލުބުނާނުގައި ދައުލަތް ހިންގުމުގެ ނިޒާމުއޮންނަނީ އެކި ދީންތަކުގެ މީހުންގެ މެދުގައި ބާރުތައް ހިއްސާ ގޮތަށެވެ. އެގޮތުންް އެގައުމުގެ ޕާލަމެންޓްގައި ނަސާރާއިންނަށާއި މުސްލިމުންނަށް ވަކި އަދަދަކަށް ގޮނޑިތައް ވަނީ ހާއްސަކޮށްްފައެވެ. އަދި އެގައުމުގެ ރައީސާއި ބޮޑުވަޒީރު ހޮވަނީ ވެސް ދެދީން ތަމްސީލުވާ ގޮތުންްނެވެ.