ހިޔާ މަޝްރޫއު

ފްލެޓް ފޯމް ދޫކުރަން ފެށުމުން ދަރުބާރުގެ ފުރާލައިފި

May 6, 2018
10

ފްލެޓަށް ފޯމް ދޫކުރަން ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ދަރުބާރުގޭގެ ކައިރީގައި ކިޔޫ ހަދައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމް ފުރާލައިފި އެވެ. ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް ދޫކުރަން ހައުސިން މިނިސްޓްރީން ފަށާފައިވަނީ މިއަދު މެންދުރު ފަހު ދަރުބާރުގޭގައެވެ.

ފޯމް ދޫކުރަން ފެށީ ކެޓަގަރީތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމާއެކު ފޯމް ލިބޭ ގޮތަށާއި ފޯމް ފުރުމުގެ އެހީތެރިކަން ވެސް ލިބޭ ގޮތަށް ސްޓޯލްތައް ހަދައިގެން، ފަސޭހަ ކަމާއެކު އެކަން ކުރޭވެނެ މުއްދަތުވެސް ހިމަނައި އަދި އޮންލައިންކޮށްވެސް ފޯމް ލިބޭ ގޮތަށެވެ. ނަމަވެސް ފޯމް ދޫކުރަން ހުޅުވާލުމާއެކު އެތައް ސަތޭކަ ބަޔަކު ވަދެ ރަންނަބަނޑޭރިމާލަމް ފުރާލި އިރު ދަރުބާރުގެ އެކި ދޮރާށިތަކާ ދިމާލުގައި ދިގު ކިޔޫތައް ވަނީ ހަދާފައެވެ. އޭގެ ސަބަބުން މަގުތައް ވެސް ވަނީ އެ ސަރަހައްދުގައި ބަންދުވެފަ އެވެ.

މިއަދު ފޯމް ދޫކުރަން ފެށި 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުތައް އަންނަ މަހުގެ ތިނަކުން ފެށިގެން 30 އާ ހަމަޔަށް ބަލައިގަންނަނާނެ އެވެ. މިއަދުން ފެށިގެން ކުރިޔަށް ދާނީ ފްލެޓަށް ކުރިމަތިލުމުގެ ފޯމްތައް ދޫކުރުމުގެ މަސައްކަތެވެ. އެގޮތުން މިއަދު މެންދުރު ފަހު 2:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭގަނޑު 8:00 އަކުން 11:00 އަށް ދަރުބާރުގެއިން ފޯމްތައް ލިބެން ހުންނާނެ އެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އަކުން މެންދުރުފަހު 2:00 އަށް އަދި ހަވީރު 4:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭނގަޑު 8:00 އަކުން 11:00 އަށް ފޯމް ލިބޭނެ އެވެ. އޭގެ އިތުރުން ފްލެޓު ފޯމްތައް އޮންލައިންކޮށް ލިބޭނެ ގޮތް ވެސް ހަމަޖައްސާފައި ވެއެވެ.

ފޯމްތައް ބަލައިގަންނަން އަންނަ ފަރާތްތަކުންް އައިޑީ ކާޑެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ގެންދާކަށް ނުޖެހެ އެވެ. އަދި ބޭނުން ވަރަކަށް ފޯމުތައް ނެގުމުގެ ފުރުސަތު އޮވެއެވެ. އޭގެ އިތުރުން ކެޓަގަރީތަކާ ބެހޭ ތަފްސީލުތަކާއި މައުލޫމާތު އޮޅުންފިލުވާދިނުމަށް ހައުސިން މިނިސްޓްރީގެ މުއައްޒިފުން ވެސް އެތަނުގައި ހަރަކާތްތެރިވެ އެވެ.

ފްލެޓު ފޯމްތައް ދޫކުރަން ފެށިތާ ގަޑިއިރެއް ނުވަނީސް އުމުރުން 18 އަހަރާއި 40 އަހަރުގެ ދެމެދުގެ ޒުވާނުންގެ ކެޓަގަރީގެ ފޯމްތައް ވަނީ ހުސްވެފަ އެވެ. ދަރުބާރުގޭގައި ހުރި ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެންމެ ގިނަ އަދަދަކަށް މީހުން އައީ ޒުވާނުންގެ ކެޓަގަރީގެ ފޯމުތައް ބަލައިގަތުމަށް ކަމަށާއި އެހެންކަމުން އަލުން އާ ފޯމްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފޯމްތައް ބަލައިގަތުން ކުރިޔަށް ގެންދާނި ނަމްބަރު ނަގައިގެން ހުށަހަޅާ ނިޒާމެއްގެ ތެރެއިންނެވެ. އެކަމާ ބެހޭ ތަފްސީލުތައް ފަހުން އާންމު ކުރާނެ އެވެ. ފޯމްތައް އޮންލައިންކޮށް ބަލައިގަންނާނީ http://www.housing.gov.mv/v1/hiyaa އިންނެވެ.

ކެޓަގަރީތައް

ސިވިލް ސާވަންޓުން: 1000 ފްލެޓު
މާލޭގެ ރަށްވެހިން: 1000 ފްލެޓު
ދަފްތަރުގައި ހިމެނޭ މީހުން: 1044 ފްލެޓު
ޑޮކްޓަރުންނާއި ނަރުހުން: 475
ޓީޗަރުން: 625
ފުލުހުން: 300
ސިފައިން: 300
ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން: 1،000
އެކަނިވެރި މައިންނާއި ބަފައިން: 400
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް: 200
ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން: 300
މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ: 256

ފްލެޓަށް ކުރިމަތިލުމުގައި 40 އަހަރުގެ އުމުރުގެ ލިމިޓެއް ކަނޑައަޅާފައި ވާނީ ހަމައެކަނި ޒުވާނުންގެ ކެޓަގަރީގައި ކަމަށެވެ. އެ ނޫން އެހެން ހުރިހާ ކެޓަގަރީއަކުން 18 އަހަރުން މަތީ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ހުރިހާ ކެޓަގަރީއަކުން ވެސް ފްލެޓު ދޫކުރާނީ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް އެކަންޏެވެ.

އަލަތު ކައިވެނިކޮށްގެން އުޅޭ މީހުންގެ ގޮތުގައި ބަލާނީ 11 ނޮވެމްބަރު 2013 އިން ފެށިގެން 31 ޖުލައި 2018 އާ ހަމަޔަށް ކައިވެނިކޮށްފައިވަ ފަރާތްތަކަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ބަލާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރި ސާބިތު ކުރުން ފަދަ މަރުހަލާތައް ނިމިފައި ހުރި މީހުނަށެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ފަދަ ވަޒީފާތަކުގެ ކެޓަގަރީތަކުގައި އިސްކަމެއް ދެވޭނީ އެ ވަޒިފާއެއް އަދާކުރާތާ 10 އަހަރުވެފަައިވާ ފަރާތްތަކަށެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހެއް ނަމަ ވަޒީފާގައި ހޭދަ ކުރި އަހަރުތަކަށް ބަލާފައި ފްލެޓުތައް ދޭނެ އެވެ.

މީހަކަށް ހުށަހެޅޭނީ އެއް ކެޓަގަރީއަކުންނެވެ.