ވިޔަފާރި

އޭޝިޔާގެ ޕޭސްޓްރީ މުބާރާތުގައި އުންމީދީ ހުނަރުވެރި ޓީމަކަށް ރާއްޖެ

May 6, 2018

ސިންގަޕޫރުގައި ބޭއްވި އޭޝިއާގެ އެންމެ ބޮޑު ޕޭސްޓްރީ މުބާރާތުގައި ގިނަ ގައުމުތަކާ ވާދަކޮށް، ދިވެހި ޓީމަށް އެންމެ އުންމީދީ ހުނަރުވެރި ޓީމްގެ ވަނަ ލިބިއްޖެ އެވެ.

ބެސްބައި މޯލްޑިވްސް (ބީބީއެމް) އިން ސްޕޮންސާކޮށްގެން ސިންގަޕޫރުގައި ބޭއްވި އޭޝިއާ ޕޭސްޓްރީ ކަޕް 2018 ގައި ރާއްޖޭން ބައިވެރިވެފައިވަނީ ދިވެހި ދެ ޝެފުން ކަމަށްވާ ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ޝެފް އައިމިނަތު ހަމީދު އާއި ސޮނޭވާ ފުށީގެ ޝެފް އިބްރާހިމް ފަރީދު އެވެ. އަދި މި ޓީމުގެ ކޯޗެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ހުޅުލެ އައިލެންޑް ހޮޓަލުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޝެފް ކުމާރު ލިބްރޫ އެވެ.

ރާއްޖޭން ފުރަތަމަ ފަހަރަށް ބައިވެރި މި މުބާރާތް އޮތީ ސިންގަޕޫރުގައި މިދިޔަ މަހުގެ 24 އިން 25 އަށެވެ. މި މުބާރާތުގައި ރާއްޖެއާ ފުޑް ކަލިނަރީ އާޓްގައި ދުނިޔޭގެ އެންމެ ހުނަރުވެރިން ތިބި ގައުމުތައް ވާދަކޮށްފައިވެ އެވެ. ރާއްޖެއާ ވާދަކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ސިންގަޕޫރު އަދި ޖަޕާނާއި ޗައިނާ އަދި ކޮރެއާ އާއި މެލޭޝިއާ އަދި އިންޑިޔާގެ އިތުރުން ފިލިޕީންސް އާއި ސީރިޔާ އަދި ސްރީލަންކާ ފަދަ ގައުމުތައް ހިމެނެ އެވެ.

އަށް ގަޑިއަށް ދެމިގެން ދިޔަ މި މުބާރާތް ޖަޖުކޮށްފައިވަނީ ދުނިޔޭގެ މި ދާއިރާގައި އެންމެ މަޝްހޫރު މީހުންނެވެ.

ބީބީއެމްގެ ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ މިއީ ލިބިގެން ދިޔަ ބޮޑު ފަހުރެއް ކަމަށެވެ.

ބީބީއެމްއަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރިސޯޓު ތަކަށް ބޭނުންވާ ކެއިން ބުއިމުގެ ސާމާނު ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ދިވެހި ޝެފުންނަށް ތަމްރީންވުމުގެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ.