ވިޔަފާރި

ޓީޓީއެމްގައި އަލްޝާލީއަށް ބޮޑު ކާމިޔާބެއް

May 7, 2018

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ސަބަބުން އަލްޝާލީ މެރިން މޯލްޑިވްސް އަށް ވިޔަފާރި ގޮތުން ގުޅުންތައް އުފެދި، ބޮޑު ފައިދާއެއް ލިބިގެން ދިޔަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި މަހުގެ 3-5 އަށް ދަރުބާރުގޭގައި ކުރި އަށް ގެންދިޔަ ޓްރެވަލް ޓްރޭޑް މޯލްޑިވްސްގައި މި އަހަރު ވެސް އަލްޝާލީ މޯލްޑިވްސް އިން ބައިވެރިވެފައިވަނީ ގޯލްޑް ޕާޓްނަރެވެ. މި ފެއާގައި ހޮނިހިރު ދުވަހު ބޭއްވި "ހޮޓެލިއާ އެކްސްޕޯ 2018" ގައި ވަނީ އަލްޝާލީގެ ސްޓޯލެއް ބަހައްޓާފަ އެވެ. އަދި އެ ކުންފުނިން ބޯޓް ބިލްޑިންގެ "ޓާޓޯލް ސޮލިއުޝަން" ގެ ހުރިހާ މައުލޫމާތެއް ދީފައިވެ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ މެނޭޖަރު އިސްމާއީލް ޝަރީފު "އަވަސް" އަށް ވިދާޅުވީ ޓީޓީއެމް ސަޕްލަޔާ އެކްސްޕޯ އިންތިޒާމުކޮށްފައި އޮތް ގޮތުން އެ ކުންފުންޏަށް ބޭނުންވާ ކްލައިންޓުނާ ގުޅުން އުފެއްދުނު ކަމަށެވެ.

"އެންމެ ބޭނުންވާ ޕޮޓެންޝަލް ކްލައިންޓުން މި އައީ އެކްސްޕޯ އަށް. ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ޕާޗެއިސިން މެނޭޖަރުން މި އައީ. މިއީ ޑިޝިނަން ނެގޭނެ ބޭފުޅުން. އެހެންވެ މި ފެއާގެ ސަބަބުން ވަރަށް ބޮޑު ގުޅުމެއް އުފެދިގެން ދިޔަ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ވިޔަފާރި އަށް ލިބޭނެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"ފުދޭވަރަކަށް ގިނަ ކްލައިންޓުން މިއައީ. އެހެންވެ އަޅުގަނޑުމެންގެ ޓޯޓަލް ސޮލިއުޝަންގެ މައުލޫމާތު ކިޔައި ދޭން ބޮޑު ފުރުސަތެއް ލިބުނު،" ޝަރީފު ވިދާޅުވި އެވެ.

އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގެ ހުރިހާ މާކެޓަކަށް ހާއްސަކޮށް އުޅަނދު ފަހަރު ބަންނަމުންނެވެ. އެ ކުންފުނީގެ އުޅަނދު ފަހަރަށް ދަނީ ގިނަ އެވޯޑު ތަކެއް ވެސް ލިބެމުންނެވެ. އަލްޝާލީ މެރިން އިން ތިލަފުށީގައި ހިނގާމުން ގެންދާ ޑޮކްޔާޑަށް ވަނީ އަހަރުގެ އެންމެ ރަނގަޅު ޑޮކްޔާޑުގެ އެވޯޑު ހިމެނެ އެވެ. މި ޑޮކްޔާޑަކީ އެއް ފަހަރާ 25 އަށްވުރެ ގިނަ އުޅަނދަށް ހިދުމަތް ދެވޭވަރުގެ ތަނެކެވެ. މީގެ އިތުރުން އަލްޝާލީއިން ބަނދެފައިވާ 37 ފޫޓުގެ ކޯސްޓް ކްރާފްޓް ލޯންޗަށް ވަނީ އަހަރުގެ އެންމެ މޮޅު ފައިބަރު އުޅަނދުގެ އެވޯޑު ލިބިފަ އެވެ. އަދި ގިނަ ރިސޯޓުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ "އައިލެންޑް ހޮޕާ" އުޅަނދަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާގެ އެވޯޑާއި ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ އަދި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ އެވޯޑުގެ އިތުރުން ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު) ގެ އެވޯޑުވެސް ލިބިފައިވަނީ އަލަޝާލީއަށެވެ. މި އެވޯޑުތައް އެ ކުންފުނިން ހޯދީ ރާއްޖޭއި މަސައްކަތްކުރާތާ ޒަމާންވީ ގިނަ ކުންފުނިތަކާ ވާދަކޮށްގެންނެވެ. މީގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ "ގޯލްޑް 100" އިވެންޓުގައި މި އަހަރު "އިނޮވޭޓާ އޮފް ދި އިޔާ" ގެ އެވޯޑު ވެސް ލިބުނީ އަލްޝާލީ އަށެވެ.

ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސް އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އަދި އަލްޝާލީ މެރިން ދުބާއީއަކީ 1979 އަކުން ފެށިގެން ފައިބަރު އުޅަނދު ފަހަރު ބަންނަމުން ގެންދާ ކުންފުންޏެކެވެ.