ހަބަރު

އައްޑުއަކީ ވަކި ދައުލަތަކަށް ހަދަން މަޝްވަރާ ކޮށްފި

އައްޑޫ ސިޓީ ވަކި ދައުލަތަކަށް ހެދުމާ ގުޅޭ ގޮތުން އައްޑު އަތޮޅުގެ ބަޔަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ މި އަހަރުގެ ކުރީކޮޅު ލަންކާގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރިކޯޑްކޮށްފައިވާ އޯޑިއޯއެކެވެ.

ރައީސް ނަޝީދާ މަޝްވަރާކުރުމަށް ދިޔަ އައްޑޫ މީހަކު، ދިވެހި ދައުލަތުން ވަކިވެ ވަކި ދައުލަތެއް ހަދަން ހިނގާށޭ ބުނެ އެވެ. އެއާއެކު ރައީސް ނަޝީދު ވިދާޅުވަނީ "ހަތިޔާރު ނެތިއްޔާ ވަތްކެއް ނުވެވޭނެ" ކަމަށެވެ. ނަމަވެސް މިސާލެއް ނަންގަވައި އެއީ ވެދާނެ ކަމެއް ކަމަށް ވެސް އެ އޯޑިއޯގައި ނަޝީދު ވިދާޅުވެ އެވެ.

މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓޮލާ އެވެ. އެ ތަނަށް އެމަނިކުފާނު ވަޑައިގެންނެވި ކަމަށާއި އެ ތަނުގައި ދިރިއުޅޭ އައްޑޫގައި ވެސް ދިރިއުޅޭ އަދަދުގެ އާބާދީއެއް ކަމަށް ވެސް ވިދާޅުވެ އެވެ. އަދި އައްޑޫގެ އާބާދީއަކީ 32،000 މީހުންތޯ ސުވާލު ކުރައްވަ އެވެ.

އެ ވާހަކަތަކަށްފަހު ރައީސް ނަޝީދު ވަނީ އައްޑޫގައި ފުލުހުންނާއި ސިފައިން ތިބޭ ގޮތް އޮޅުންފިލުވާފަ އެވެ. އެކަން ބައްދަލުވުމުގައި ބައިވެރިވި އައްޑޫ މީހުން ސާފުވެސް ކޮށްދެ އެވެ. އޭގެފަހުން އައްޑޫގައި މުޒާހަރާތަކެއް ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރި އެވެ. ރައީސް ނަޝީދު ވިދާޅުވީ، "އައްޑޫ މުޒާހަރާއިން ނަތީޖާ ނުކުންނާނެ،" ކަމަށެވެ.

ބައްދަލުވުމުގެ ބައިވެރިން ވަނީ އައްޑޫގައި ޖައްސައިފިނަމަ ފުވައްމުލަކުގައި ތިބި މީހުން ވެސް އަންނާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ރައީސް ނަޝީދު ވިދާޅުވީ، "އެހެންވީމާ ފުވައްމުލަކުގައި ވެސް ޖައްސަންވީ ނޫންތޯ" ކަމަށެވެ.

އެއީ ދިގު ބައްދަލުވުމެއްގެ ތެރޭގެ އޯޑިއޯއެއް ކަމުން އޯޑިއޯ ނިމޭއިރު ދައްކާ ވާހަކަތައް ސާފުވާ ގޮތެއް ނުވެ އެެވެ. މި އޯޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މީގެ ކުރިން އިނގިރޭސީން އަޑީގައި ތިބެ އެކުވެރި ސުވައިދީބު ޖުމްހޫރިއްޔާގެ ނަމުގައި ރާއަޖޭގެ ދެކުނުގެ ތިން އަތޮޅު ގުޅިގެން 1959 ވަނަ އަހަރު ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު ވަކި ދައުލަތެއް އިއުލާނުކުރި އެވެ. ޣައިރުގާނޫނީ އެ ދައުލަތް އުވާލީ 1963 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރި ކަމުގައި އައްޑު އަތޮޅުގައި ބުދުތަކެއް ބެހެއްޓި މައްސަލަ ވެސް ހޫނުވި އެވެ.