ދުނިޔެ

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި

ޕާކިސްތާނުގެ އިންްޓީރިއާ މިނިސްޓަރު އަހުސަން އިގުބާލަށް މީހަކު ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ބީބީސި ބުނީ އިގުބާލަށް ހަމަލާދިން މީހާ ޖެހި ބަޑީގެ ވަޒަން އެރީ އޭނާގެ އަތްޕުޅަށް ކަމަށާއި ފުރާނާއަށް ނުރައްކާވާ ފަދަ ގެއްލުމެއް އޭނާއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އިގުބާލަށް ހަމަލާ ދިނީ ޕަންޖާބު ސިޓީގައި އޮތް އެއްވުމަކަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ޕާކިސްތާނުގެ އާއްމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

ޕާކިސްތާނު ފުލުހުން މިހާރު ވަނީ އިގުބާލަށް ހަމަލާދިން މީހާ ހޯދައި ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާއާ ސުވާލުކުރަމުން އައި ނަމަވެސް އޭނާ އިގުބާލަށް ހަމަލާދިން ސަބަބު އަދި ނޭނގޭ ކަމަށް ޕާކިސްތާނު ސަރުކާރުން ބުންޏެވެ. ނަން ހާމަ ނުކުރާ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ އިގުބާލަށް ބަޑީގެ ހަމަލާ ދިނީ ނަސާރާއިންގެ ގްރޫޕަކާ ބައްދަލުކުރައްވާފައި އެނބުރި ވަޑައިގެންނެވިތަނާ ކަމަށެވެ.

" އަހަރެމެންނަަކަށް ޔަގީނެއް ނޫން، ހަމަލާއާ އެކަމާ ގުޅުމެއް އޮތް ކަމެއް،" ރޮއިޓާސްއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އިގުބާލަށް ހަމަލާދިން މީހާ ދިން ފުރަތަމަ ހަމަލާ އިގުބާލްގެ އަތްޕުޅަށް އެރުމުން ދެވަނަ ހަމަލާއެއް ދޭން ވެސް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެތަނުގައި އެވަގުތު ތިބި ފުލުހުންނާއި އާއްމުން އެކަން ވިޔަނުދީ ހުއްޓުވީއެވެ.

އިންޓީރިއާ މިނިސްޓަރު އިގުބާލަކީ ޕާސްކިސްތާނުގެ ވެރިކަންކުރާ ޕާކިސްތާން މުސްލިމްލީގް ނަވާޒްގެ އިސް ބޭފުޅެކެވެ.