ދުނިޔެ

ގްރޫޕަކުން ނައިޖީިރިއާގެ އަވަށެއްގައި 51 މީހުން މަރާލައިފި

ގުންޑާއިންގެ ބަޔަކު ނައިޖީރިއާގެ އަވަށަކަށް ހަމަލާދީ އަންހެނުންނާއި ކުޑަކުދިންް ހިމެނޭ ގޮތުން 51 މީހަކު މަރާލައިފިއެވެ.

ބީބީސީ ބުނީ ނައަމްސޫފި ފޭރި ގަތުމުގެ ޖަރީމާ ހިންގަން ކުރިން އުޅުނު ގްރޫޕަކުން ނައިޖީރިއާގެ އުތުރުގައިވާ ކަޑޫނާ ސްޓޭޓުގެ ގްވާސްކާ ނަމަކަށް ކިޔާ އަވަަށަށް ހޮނިހިރުދުވަހުގެރޭ ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ ގުނަވަންތައް ވެސް ކަނޑާފައިވާ ކަމަށެވެ. އަދި ބުނީ އެގްރޫޕުން ދިން ހަމަލާގައި މީހުން މެރުމުގެ އިތުރުން ގެދޮރުގައި ހުޅުވެސް ޖެހި ކަމަށެވެ.

މަންޒަރުދުށް މީހުން މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި ގުންޑާއިންގެ މީހުން އަވަށް ވަށައިލުމަށް ފަހު ފުރަތަމަ ހަމަލާ ދިނީ ބަޑިންނެވެ. އެހަމަލާއާ ހެދި ބިރުން އަވަށު މީހުން ދުއްވައިގަތް ވަގުތު ބައެއް މީހުންނަށް ދުވެވުނީ ހަމަލާދިން މީހުންނާ ދިމާލަށް ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

ގްވާސްކާ އަވަށުގެ މީހުން ވަނީ އެ ސަރަހައްދުގެ އަވަށްތަކުގެ ރައްޔިތުންގެ ހިމާޔަތަށް އިތުރު ފުލުހުން ފޮނުވައިދޭން ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީއަށް ގޮވައިލައްވާފަ އެވެ.

ނައިޖީރިއާގެ އުތުރުގައިވާ ކަޑޫނާ ސްޓޭޓާއި ޒަމްފާރާ ސްޓޭޓު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އަވަށްތަކަށް މިފަދަ އަނިޔާވެރި ހަމަލާތައް ދިނުމަކީ އާއްމު ކަމެކެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެ ސަރަހައްދުގެ އަވަށަކަށް ދިން ހަމަލާއެއްގައި 14 ކުޑަކުދިން މަރާލާފައި ވެއެވެ.