ދުނިޔެ

ރޯހިންޔާ ރެފިއުޖީންނަށް އިތުރު ބިރުވެރިކަމެއް

ބަންގްލަދޭޝްގެ ދެކުނުގައި ރޯހިންޔާ ދަރިކޮޅުގެ ރެފިއުޖީން އުޅޭ ސަރަހައްދުގައި މުޅީންހެން ހުރީ އޮނުން ހަދައި ސަތަރިއާއި ކޮތަޅާއި އެނޫންވެސް ދެރަ ތަކެތިން ހިޔާކޮށްފައިވާ ހިޔާވަހިތަކެކެވެ. އެފަދަ ތަންތަން ފަރުބަދަގަނޑުގަނޑު މަތިން ފެށިގެންް ގޮސް ވާދީތަކުގައި ވެސް ވަނީ ހަދާފައެވ. ކަން މިހެން ހުރި އިރު އެ ވާދީތަކަކީ ވިއްސާރަމޫސުމުގައި ފެންބޮޑުވާ ތަންތަނެވެ. ބަންގްލަދޭޝް ސަރަހައްދަށް ވިއްސާރަމޫސުން ބޯމަތިވެފައިވާ އިރު އެ މޫސުމުގައި އަންނަ ތޫފާންތަކަށް ތައްޔާރުވާން ރެފިއުޖީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު ރެފުއުޖީ އަވަށުގައި ދިރިއުޅޭ 900000 (ނުވަ ލައްކަ) މީހުން ތިބީ ނުރައްކަލަށް ހުށަހެޅިފައެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނަކީ މިޔަންމާ ސަރުކާރުން އިހާނެތިކޮށް ހިތައި ރަށްވެހިކަން ވެސް ނިގުޅައިގެންފައިވާ މިޔަންމާގެ ބައިމަދު ނަސްލެއްގެ ބައެކެވެ. އެމީހުންގެ އަދަދު މިލިޔަނަކަށް ވުރެ ގިނައެވެ. އޭގެ ތެރެއިން ނުވަލައްކައެއްހާ މީހުން ބަންގްލަދޭޝަށް ހިޖުރަކުރީ މިޔަންނާ ސިފައިން އެމީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުން ސަލާމަތްވުމަށެވެ.

ވިއްސާރަ މޫސުން އައުމުން ރޯހިންޔާ މީހުންނަށް ކުރިމަތިވާނެ މައްސަލަތަކާއި އެއަށް ހައްލު ހޯދުމަށް ބަންގްލަދޭޝް ސަރުކާރާއި އދ.ގެ އެެޖެންސީތަކުން ކުރަމުން އަންނަ މަސައްކަތް ބެލުމަށް ބީބީސީގެ ނޫސްވެރިޔާ ޖަސްޓިން ރޮވްލެޓް ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައިވާ ރެފިއުޖީ ކޭމްޕްގައި ހަފުތާތަކެއް ހޭދަކޮށްފައެވެ. މިއީ އޭނާ އެއްކުރި މައުލޫމާތުތައް ހިމަނައިގެން ބީބީސީން ތައްޔާރުކޮށް ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.

ވިއްސާރަ މޫސުމާ ގުޅިގެން އޮތް ކަންބޮޑުވުންތަކަކީ ކޮބާ؟

ރޯހިންޔާ ރެފިއުޖީން ދިރިއުޅޭ ކޮކްސް ބާޒާރަކީ ވިއްސާރަ މޫސުމުގައި ބަންގްލަދޭޝްއަށް ކުރާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހޭ ސަރަހައްދެވެ. އަދި އެއީ މުޅި ދުނިޔެއިން ވެސް އެންމެ ގިނައިން ވާރޭ ވެހޭ ސަރަހައްދުތަކުގެ ތެރޭގައި ގުނައިލެވޭ ތަނެކެވެ.

ބަންގްލަދޭޝާއި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ވިއްސާރަ މޫސުން އާއްްމުގޮތެއްގައި ފެށެނީ މޭމަހުއެވެ. އެ ވިއްސާރައާ އެކު ރެފިއުޖީ ކޭމްޕަށް ހަލާކާއި ބަލިމަޑުކަން އަންނާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.

ހާލަތު ވަރަށް ނާޒުކު

މިޔަންމާއިންް ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވާން ކޮކްސްބާޒާރަށް އައި ރޯހިންޔާ މީހުން އައީ ވަކި އިންތިޒާމަކުން ނޫނެވެ. ބަންގްލަަދޭޝް ސަރުކާރުން އޭރުގައި ކުރި ހަމަ އެކަނި ކަމަކީ އެމީހުން ތިބޭނެ ސަރަހައްދެއް ކަނޑައެޅުމެވެ. އެގޮތުން ކަނޑައެޅި ސަރަހައްދުގައި ރޯހިންޔާ މީހުން ހިޔާވަހިތައް އެޅީ އެމީހަކަށް އެވަގުތު އަތުޖެހުނު އެއްޗެއް ބޭނުންކޮށްގެންނެވެ. އެގޮތުން ގިނަ މީހުން ގެއެޅީ އޮނުންނެވެ.

އެފަދަ ގިނަ ހިޔާތައް ފޭލިގެއަކަށް ވުރެ ވަރުގަދައެއް ނޫނެވެ. ތޫފާނެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ އަންނަ ވައިރޯޅިއާ އެކު އެތަންތަން ވެއްޓޭނެއެވެ. ކޭމްޕްގައިވާ ހިޔާވަހިތައް ވަރުގަދަ ކުރާނެ ގޮތުގެ ގައިޑްލައިނެއް އދ. އިން އެފިއުޖީންނަށް ބެހުމުން ދޭހަވަނީ ހާލަތުގެ ނާޒުކުކަމާއި އޮތް ނުރައްކަލުުގެ ބޮޑުކަމެެވެ. ޔޫއެން އިން ލަފާކުރާ ގޮތުގައި އޮނުން ހަދާފައިވާ އެއްވެސް ހިޔާވައްސެއް ތޫފާނުގައި ކޮޅަށް ހުރުމަކީ ނާދިރު ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިންޒާރުކޮށްފައިވާ ގޮތުގައި މިހާރުު ތިބި ހާލަތުގައި ރޯހިންޔާ މީހުން ތިއްބާ ވިއްސާރަމޫސުން ކުރިމަތިވެއްޖެ ނަމަ ބަލިމަޑުކަން ފެތުރި، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބަ އޮތެވެ.

އެހީވާން ކޮށްފައި ވަނީ ކޮން ކަމެއް؟

ރޯހިންޔާ ރެފިއުޖީންނަށް ކުރިމަތިވާން އޮތް ބޮޑު އެ ނުރައްކަލުގެ ގެއްލުން ކުޑަކުރުމަށް ބަންގްލަދޭޝް ސަރުކާރާއި އދ.ގެ އެޖެންސީތަކުން މިހާރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފަރުބަދަމަތީ މަގުތަކުގައި ވެލިބަސްތާތައް ޖެހުމާއި އާ މަގުތަކާއި ފާލަންތައް ހަދައި ފަަސޭހައިން އެއްތަނުން އަނެއް ތަނަަށް ދެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ. ހިޔާވަހިތައް ވަރުގަދަ ކުރުމަށް ރެފިއުޖީންނަށް ތަމްރީނުވެސް އަންނަނީ ދެމުންނެވެ.

ފެންބޮޑުވާ މިންވަރު ކުޑަކުރުމަށް ޓަކައި އާ ޑްރެއިނޭޖް ނިޒާމުތައް ވަނީ ގާއިމްކޮށްފައެވެ. ފެންބޮޑުވެ، އެ ސަރަހައްދާ އެހެން ސަރަހައްދުތަކާ ގުޅުން ކެނޑޭ ހާލަތެއް އަތުވެއްޖެ ނަމަ ކުއްލި ހާލަތުގައި ބޭނުންކުރާނެ ކާބޯތަކެތީގެ ގުދަންތަކެއް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން އެންމެ ނާޒުކު ހާލަތުގައި ތިބި 15000 ރެފިއުޖީންނަށްޓަކައި އާ ސަރަހައްދެއް ސާފުކޮށް، ބިންގަނޑު އެއްވަރުކުރުމުހެ މަސައްކަތް ވެސް ވަނީކޮށްފައެވެ.

މި މަސައްކަތްްތައް މިހެން ކުރިޔަސް އެންމެ ބޮޑު މައްސަލައަކަށް އޮތީ ނުރައްކަލުގެ ހާލަތުގައި ރެފިއުޖީން އެހެން ތަނަކަށް ބަދަލުކުރުމުގެ މައްސަލައެވެ. ބަންގްލަދޭޝް ސަރުކާރުން ބުނީ ރެފިއުޖީންގެ އަދަދުގެ ގިނަ ކަމާ ހެދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވިއްސާރަ މޫސުމެއްގަިއ އެއަދަދުގެ މީހުންނަށް ތިބެވޭ ފަދަ ރައްކާތެރި ސަރަހައްދެއް ކައިރީގައި ނެތްކަމަށް ވެސް ބުންޏެވެ.