ދުނިޔެ

ޓްރަމްޕްގެ ވާހަކަ ގިނަވެ، އުތުރުކޮރެއާ ރުޅިގަދަވެއްޖެ

އުތުރުކޮރެއާން ޒަމާނުއްސުރެ ގެންގުޅެމުން އައި ދެކޮޅުވެރިކަމާއި އެކަހެރިވުމުގެ ގޮތް ބަދަލުކޮށް ބައިނަލް އަގުވާމީ މުޖުތަމައަށް ނުކުތުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގައުމުގެ ލީޑަރު ކިމްޖޮން އުން ދެކުނުކޮރެއާއަށް ވަޑައިގެން އެގައުމުގެ ރައީސް މޫންް ޖައި އިންއާ ބައްދަލުކުރެއްވުމަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެވެ.

ދެކޮރެއާގެ ލީޑަރުންގެ ތާރީ ބައްދަލުވުމުގައި ގިނަ ކަންތަކަކަށް އެއްބަސްވެ، ބައެއް ކަންތައްތައް ވަނީ ތަންފީޒުވެސް ކޮށްފައެވެ. ކުރިއަށް ދެން އޮތީ ކިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ބައްދަލުވުމެވެ. ނަމަވެސް އުތުރުކޮރެއާއިން ގެނައި ބަދަލުގެ މެޑެލް ޖައްސަވަން ޓްރަމްޕް ދައްކަވާ ވާހަކަފުޅުތައް ގިނަވެ، އެގައުމުން މިހާރު އެންމެ ފަހުން ވަނީ ރުޅިއައިސްފައެވެ.

އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ އުތުރުކޮރެއާގެ ސިޔާސަތު ބަދަލުވީ ވޮޝިންޓަނުގެ ފިއްތުންތަކަށް ބޯލެނބުމުގެ ގޮތުންް ކަމަށް ދައުވާ ކުރާ ނަމަ " ފުރަތަމަ ގޮޅިއަށް" ( ކުރިން ގެންގުޅުނު ސިޔާސަތަށް) އިދާދަ ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުމަކީ އޭނާގެ ސަރުކާރުން ކުރިމަތިކުރި ފިއްތުންތަކާއި ދިން އިންޒާރުތަކުގެ ނަތީޖާ ކަމަށެވެ. ނަަމަވެސް އުތުރުކޮރެެއާއިން ކުރިއްސުރެ ބުނަމުން އައީ އެގައުމުގެ ސިޔާސަތު ބަދަލުކުރީ އަމިއްލައަށް ކަމަށާއި އެއީ ބަލިކަށިވެގެން ގެނައި ބަދަލެއް ނޫން ކަަމަށެވެ.

" މިހާރު އޮތް މަޝްވަރާ ކުރުމުގެ މާހައުލަށް އެވާހަކަތަކުގެ ސަބަބުން ހުރަސް އެޅުމުގެ ނުރައްކާ އެބަ އޮތް،" ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

ނަމަވެސް ޓްރަމްޕާއި ކިމް ބާއްވަވަން އުޅުއްވާ ބައްދަލުވުމާ ބެހޭ ގޮތުން އެބަޔާނުގައި ސީދާ ގޮތެއްގައި އެއްޗެއް ނުބުނެއެވެ.