ދުނިޔެ

ޔޫކޭ އިންް ރޯހިންޔާ މީހުންނަށް 70 މިލިޔަން ޑޮލަރު ދެނީ

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެގައުމުގެ ސިފައިން ހިންގި ޖަރީމާތަކުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޯހިންޔާ މީހުންނަށް 70 މިލިޔަން ޑޮލަރުގެ އިންސާނީ އެހީދޭން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

ސްކައި ނިއުސް ބުނީ 70 މިލިޔަން ޑޮލަރު ދެނީ ބަންގްލަދޭޝްގެ ވިއްސާރަމޫސުން ފެށުމުން ރޯހިންޔާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަވާނެތީ ދޭ އެހީއެއްގެ ގޮތުގައި ކަމަށެވެ. އަދި ބުނީ އެއީ ރޯހިންޔާ މީހުންނަށް ދޭން އިނގިރޭސި ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ވައުދުވީ 129 މިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނޭ އެހީއެއް ކަމަށެވެ.

އިނގިރޭސި ސަރުކާރުން ދޭ އެހީ އިން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި 200000 ( ދެލައްކަ) މީހުންގެ ހިޔާވަހިތައް ވަރުގަދަ ކުރުމާއި 300000 ( ތިން ލައްކަ) މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުން ހިމެނެެެއެވެ. އޭގެ އިތުރުން މާބަނޑު އަންހެނުންނާއި ކިރުމައިން ހިމެނޭ ގޮތުން 30000 އަންހެނުންނަށާއި ފަސް އަހަރުން ދަށުގެ 120000 ( އެއް ލައްކަ ވިހި ހާސް) ކުޑަކުދިންނަށް ރަނގަޅު ކާނާ ދިނުމަކީ ވެސް އެފައިސާއިން ކުރަން ކަނޑައަޅާފައިވާ ކަމެކެވެ. އެހެން ކަންތައްތަކުގެ ތެރޭގައި ވިއްސާރަ މޫސުމުގެ ތެރޭގައި ވިހާނެ ކަމަށް ބެލެވޭ 50000 އަންހެނުންގެ ވިހޭގެ ތެރޭގެ ކަންތައްތައް ހަމަޖެއްސުމާއި 52900 އަންހެނުންނާއި އަންހެން ކުދިންނަށް ފާހާނާ ކުރެވޭަނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ވިއްސާރަ މޫސުމާ ގުޅިގެން އޮތް ކަންބޮޑުވުންތަކަކީ ކޮބާ؟

ރޯހިންޔާ ރެފިއުޖީން ދިރިއުޅޭ ކޮކްސް ބާޒާރަކީ ވިއްސާރަ މޫސުމުގައި ބަންގްލަދޭޝްއަށް ކުރާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހޭ ސަރަހައްދެވެ. އަދި އެއީ މުޅި ދުނިޔެއިން ވެސް އެންމެ ގިނައިން ވާރޭ ވެހޭ ސަރަހައްދުތަކުގެ ތެރޭގައި ގުނައިލެވޭ ތަނެކެވެ.

ބަންގްލަދޭޝާއި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ވިއްސާރަ މޫސުން އާއްްމުގޮތެއްގައި ފެށެނީ މޭމަހުއެވެ. އެ ވިއްސާރައާ އެކު ރެފިއުޖީ ކޭމްޕަށް ހަލާކާއި ބަލިމަޑުކަން އަންނާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.
މިޔަންމާއިންް ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވާން ކޮކްސްބާޒާރަށް އައި ރޯހިންޔާ މީހުން އައީ ވަކި އިންތިޒާމަކުން ނޫނެވެ. ބަންގްލަަދޭޝް ސަރުކާރުން އޭރުގައި ކުރި ހަމަ އެކަނި ކަމަކީ އެމީހުން ތިބޭނެ ސަރަހައްދެއް ކަނޑައެޅުމެވެ. އެގޮތުން ކަނޑައެޅި ސަރަހައްދުގައި ރޯހިންޔާ މީހުން ހިޔާވަހިތައް އެޅީ އެމީހަކަށް އެވަގުތު އަތުޖެހުނު އެއްޗެއް ބޭނުންކޮށްގެންނެވެ. އެގޮތުން ގިނަ މީހުން ގެއެޅީ އޮނުންނެވެ.

އެފަދަ ގިނަ ހިޔާތައް ފޭލިގެއަކަށް ވުރެ ވަރުގަދައެއް ނޫނެވެ. ތޫފާނެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ އަންނަ ވައިރޯޅިއާ އެކު އެތަންތަން ވެއްޓޭނެއެވެ. ކޭމްޕްގައިވާ ހިޔާވަހިތައް ވަރުގަދަ ކުރާނެ ގޮތުގެ ގައިޑްލައިނެއް އދ. އިން އެފިއުޖީންނަށް ބެހުމުން ދޭހަވަނީ ހާލަތުގެ ނާޒުކުކަމާއި އޮތް ނުރައްކަލުުގެ ބޮޑުކަމެެވެ. ޔޫއެން އިން ލަފާކުރާ ގޮތުގައި އޮނުން ހަދާފައިވާ އެއްވެސް ހިޔާވައްސެއް ތޫފާނުގައި ކޮޅަށް ހުރުމަކީ ނާދިރު ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިންޒާރުކޮށްފައިވާ ގޮތުގައި މިހާރުު ތިބި ހާލަތުގައި ރޯހިންޔާ މީހުން ތިއްބާ ވިއްސާރަމޫސުން ކުރިމަތިވެއްޖެ ނަމަ ބަލިމަޑުކަން ފެތުރި، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބަ އޮތެވެ.