ދުނިޔެ

ސެޕްޓެމްބަރުމަހު މައްކާ އާއި މަދީނާއާ ދެމެދު ރޭލް ދަތުރު ފަށަނީ

މުގައްދަސް ދެރަށް ކަމަށްވާ މައްކާއާ ދެމެދުގައި ފުރަތަމަ ފަހަރަށް ކުރާ ހައި ސްޕީޑް ރޭލުދަތުރުތައް އަންނަ ސެޕްޓެމްބަރުމަހު ފަށާނެ ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން ބުނެފިއެވެ.

ސައުދީ ޓްރާންސްޕޯޓް މިނިސްޓަރު ނަބީލް ބިން މުޙައްމަދު އަލް މައޫދީއާ ހަވާލާދީ އަަރަބް ނިއުސް ބުނީ މައްކާއާ މަދީނާއާ ދެމެދު ގާއިމްކޮށްފައިވާ ރެއިލްވޭގައި ދަތުރުކުރާނީ ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާ އިލެކްޓްރިކް ރޭލުތައް ކަމަށެވެ. އެއީ މެދުއިރުމަތީގައި މިހާތަނަށް ބޭނުންކުރާ އެންމެ ދުވެލި ބާރު ރޭލުތަކަށް އޭރުން ވާނެއެވެ.

އަލް މައުދީ ވިދާޅުވީ ރެއިލްވޭގެ ހިދުމަތް ހިދުމަތް ފުރިހަމައަށް ހިނގައި ގަތުމުން އަހަރަކު 60 މިލިޔަން ދަތުރުވެރިންނަށް އެނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެ ކަމަށެވެ. އެނިޒާމުގެ މަސައްކަތް ފުރިހަމަައަށް ހިނގަންނާނީ އަންނަ 2019 ވަނަ އަހަރު ފެށޭހާތާގައެވެ.

މައްކާއާއި މަދީނާ ގުޅުވައިދޭ 450 ކިލޯމީޓަރުގެ ރޭލްވޭ އަޅާފައި ވަނީ އަލަށް ތަރައްގީކުރަމުން އަންނަ ކިިންގް އަބުދުﷲ އިކޮނޮމިކް ސިޓީގެ ތެރެއިން ދަތުރުކުރާ ގޮތަށެވެ. އަދި އެ ރެއިލްވޭ ވަނީ ޖިއްދާގައި އަލަށް އަޅާ ކިންގް އަބުދުލް އަޒީޒު އިންޓަނޭޝަަނަލް އެއާޕޯޓާ ވެސް ގުޅުވާލާފައެވެ.

މައްކާއާ މަދީނާއާ ދެމެދު ރެއިލްވޭ ގާއިމްކުރުމުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތް ރަނގަޅުކުރުމުގެ ބޮޑެތި އެހެން މަޝްރޫއުތައްވެސް ސައުދީ ސަރުކާރުން ވަނީ ފަށާފައެވެ. ޖިއްދާގައި އަލަށް ބިނާކުރާ ކިން އަބުދުލް އަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ އެފަދަ މަސައްކަތެކެވެ. އަލް މައުދީ ވިދާޅުވީ އާ އެއާޕޯޓަށް މަދު ދަތުރުތަކެއް ކުރަން މިހިނގާ މޭމަހު ފަށާނެ ކަމަށެވެ. އަދި އިތުރު ދަތުރުތައް އަންނަ ޖުލައިމަހާއި ސެޕްޓެމްބަރުމަހު ފަށާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.