ދުނިޔެ

ކޮފީ ވިއްކަން ނެސްލޭއިން ސްޓާބަކްސްއަށް 7.15 ބިލިޔަން ޑޮލަރު

ސްޓާބަކްސްގެ ބްރޭންޑްތަކުގެ ކޮފީ ދުނިޔޭގެ ބާޒާރުގައި ވިއްކުމުގައި އެކުންފުންޏާ ބައިވެރިވުމަށް ނެސްލޭ އިން ސްޓާބަކްސްއަށް 7.15 ބިލިޔަން ޑޮލަރުގެ އަގެއް ދައްކަން ނިންމައިފި އެވެ.

ސްޓާބަކްސްގެ އުފެއްދުންތަކަކީ އަހަރަކު ދެބިލިޔަން ޑޮލަރުގެ ވިޔަފާރިވާ އުފެއްދުންތަކަކަށް ވާއިރު އެކުންފުންޏާ އެކު މިއަދު ގާއިމްކުރި އެއްބަސްވުމުން ކޮފީ ވިޔަފާރީގައި ނެސްލޭގެ މަގާމު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ. ބާޒާރަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި އެކު މަތީ ހަރުފަތުގައި އޮތުމަށް ނެސްލޭއިން ފަހަކަށް އައިސް މިފަދަ ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

އެމެރިކާގެ ސީޓުލްގައި މަރުކަޒު ހުންނަ ސްޓާބަކްސް އިން ބުނީ މިއަދު ވީ އެއްބަސްވުމުން ލިބޭ ފައިސާ ބޭނުންކުރާނީ ވިއްކާފައިވާ ހިއްސާތައް އަލުން ގަތުން އަވަސްކުރުމަށް ކަމަށެވެ. އަދި ބުނީ އެގޮތުން ގަންނަ ހިއްސާތަކުން 2021 ވަނަ އަހަރު އެކުންފުންޏަށް ނަފާވާން ފަށާނެ ކަަމަށް ބެލެވޭ ކަމަށެވެ.

ނެސްލޭއިން ބުނީ ބަންދުކޮށްފައިވާ ކޮފީ ވިއްކުމަށް ސްޓާބަކްސްއާ އެކު ވީ އެއްބަސްވުމުން 2019 ވަނަ އަހަރު އާމްދަނީ ލިބެން ފަށާނެ ކަަމަށެވެ. އަދި ބުނީ ނެސްލޭއިން ވިއްކާނީ ހަމައެކަނި ބަންދުކުރި ކޮފީ ކަމަށާއި ސްޓާބަކްސްގެ އެއްވެސް ކެފޭއެއް ހިންގުމުގައި ބައިވެރިނުވާނެ ކަަމަށެވެ.

ސްޓާބަކްސްއާއި ނެސްލޭއިން މިއަދު އެއްބަސްވުމެއް ގާއިމް ކުރި އިރު ކޮފީ ވިއްކުމުގެ ދާއިރާގައި ވަރުގަދަ ބައެއް ކުންފުނިތަކުން ވަނީ ދާދި ފަހުން މިފަދަ އެއްބަސްވުންތައް ގާއިމްކޮށްފައެވެ. އެގޮތުން ޔޫރަޕްގެ ބިލިޔަނަރު ރިއިންމެން އާއިލާގެ ކުންފުނި ޖޭއޭބީ ހޯލްޑިންގްސް އިން ތިން ކުންފުންޏަކާ އެކު އެއްބަސްވުންތައް ގާއިމްކޮށްފައެވެ.