ހަބަރު

މައުމޫންގެ ސިއްހީ ހާލަތު ގޯސްއިރުވެސް ޝަރީއަތް ތާވަލްކޮށްފި

ބޮލަށް އެނބުރުން އެރުމުގެ މައްސަލަ ދިމާވެ އަމިއްލައަށް ބައެއް ކަންކަން ނުކުރެވޭ ހާލަތަށް މައުމޫންގެ ސިއްހީ ހާލަތު ގޯސްވެފައިވީ ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ދެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވާތީ، އޭނާގެ ވަކީލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މައުމޫންގެ ވަކީލް މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައުމޫންގެ ހާލު ސީރިއަސްވެ ކުއްލި ފަރުވާ ބޭނުންވާ ފަދަ ހާލަތަކަށް ގޮސްފައިވާކަން މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، މި މަހުގެ ފަސް ވަނަ ދުވަހު މައުމޫންގެ ހާލު ސީރިއަސް ވެގެން އެވާހަކަ އެ ކޯޓްގެ ރެޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަމަށް އެދެވޭ ނަތީޖާއެއް ނުލިބި ވަނިކޮށް މައުމޫންގެ މައްޗަށް ކުރާ ޝަރީއަތްތަކުގެ ދެ އަޑުއެހުމެއް މާދަމާ 3:00 ގައި ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އޭނާ މިއަދު ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވެސް ވިދާޅުވީ، މައުމޫން ބޯ އަނބުރައިގަތުމުގެ ހާދިސާ ހިނގިތާ 42 ގަޑި އިރު ވީ އިރު ވެސް ސްޕެޝަލިސްޓަކަށް ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައި ނުވާ ކަމަށެވެ.

ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫނު ހަމީދު ވިދާޅުވީ ހަތަރު ދުވަހުގެ ތެރޭގައި އެފަދަ ދެވަނަ ހާދިސާ ހިނގުމުން ވެސް މައުމޫނު ސްޕެޝަލިސްޓަކަށް ދައްކައި އެމަނިކުފާނުގެ ބަލިހާލުކޮޅު ބަލާފައި ނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

" ގެއަށް އާއިލާގެ ކައިރިއަށް ވަޑައިގެންނެވުމަށް އެމަނިކުފާނަށް ފުރުސަތު ދިން ނަމަ ފަރުވާދިނުން މިގޮތަށް ލަހެއް ނުވީސް" މައުމޫނު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް މައުމޫނު އަރިހަށް ސްޕެޝަލިސްޓަކު ގެންދަން މަސައްކަތް ކުރާ ކަމުގެ ޔަގީންކަން ދޫނިދޫގައި ތިބި ފުލުހުން ދީފައިވާ ކަމަށާއި އެހެން ނަމެސް ޑޮކްޓަރަކު ވަޑައިގަންނަވާނެ ގަޑިއެއް ނޭނގޭ ކަމަށް ބުނި ކަމަށެވެ.

"އެންމެ ފަހުގެ މެޑިކަލް ރިޕޯޓުތައް އަދިވެސް ދޫނުކުރާތީ ، އެމަނިކުފާނު ބަހައްޓާފައި ހުންނެވީ ސިއްހީ ލަފަޔާ ހިލާފަށް ކަމަށް ވުމުގެ ފުރުސަތު އަދިވެސް އެބައޮތް،" މައުމޫނު ހަމީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.


މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަންފަތުގެ މައްސަލައަކުން ކުރިމަތިވާ ބައްޔެއް ކަމަށްވާ، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ބައްޕާފުޅަށް ދޭތެރެއިން ބޮލަށް އެނބުރުން އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެ ބަލީގެ އަލާމާތްތައް އިތުރަށް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތް ކޮށް ބައްޕާފުޅުވެސް އަދި މަންމާފުޅު، ނަސްރީނާ އިބްރާހިމް ވެސް މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް އެޗްއާރުސީއެމް އާއި ކަރެކްޝަންފައި އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޯޓްގައި ވެސް މައުމޫން ވަނީ އެކިފަހަރު މަތިން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ކޯޓުން ބުނެފައި ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

މައުމޫންގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށް، ޕީޕީއެމްއިން ރުމާލު2 ޖަގަހައިގައި ބޭއްވި ރެލީއެއްގައި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބަންދުގައި ތިބި މީހުން ގެއަށް ބަދަލު ނުކުރެވިގެން އުޅެނީ އަދި ބަންދަށް ލުޔެއް ނުދެވިގެން އުޅެނީ ހެކި ފޮރުވާފައިވާތީ ކަމަށެވެ. އަދި ހެކި ނުދޭހާ ހިނދަކު އެފަދަ ބޭފުޅުން ގެއަށް ބަދަލު ނުކުރެވޭނެ ކަމަށާއި އެފަދަ ކޯޓުން ނުނެރޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ އަމަލެއް ކުރައްވާފައި ވާތީ އެބޭފުޅުންގެ މައްޗަށް ހުކުމެއް އަންނާނެ ކަމަށް ވެސް ރައީސް ޔާމީން އެރޭ ވިދާޅުވި އެވެ.