ވިޔަފާރި

އެޗްޑީއެފްސީން 100 މިލިއަން ރުފިޔާ ހޯދަން ބޮންޑު ވިއްކަނީ

ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 100 މިލިއަން ރުފިޔާ ހޯދަން ބޮންޑް ވިއްކަން ނިންމައިފި އެވެ.

އެޗްޑީއެފްސީ އިން ބުނީ ފިކްސްޑް އިންކަމް ބޮންޑު ވިއްކަން މިހާރު ޕްރޮސްޕެކްޓަސް އާއްމުކޮށްފައިވާއިރު، ބޮންޑް ގަންނަ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށެވެ. އަދި އެ ފުރުސަތު 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ބޮންޑެއް ވިއްކަނީ 10،000 ރުފިޔާއަށް ކަމަށެވެ. އަދި ވިއްކާނީ 10،000 ބޮންޑް ކަމަށެވެ.

އެޗްޑީއެފްސީގެ "މޯގޭޖު ހައުސިންގް ފައިނޭންސިން" މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން ވިއްކާ މި ބޮންޑުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. އަދި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް ހަތް ޕަސެންޓް ކަމަށާއި ބޮންޑު ގަންނަ މީހުންނަށް އަހަރަކު ދެ ފަހަރު ފައިދާ ބަހަމުން ގެންދާނެ ކަމަށެވެ.

އެޗްޑީއެފްސީ އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ވިއްކި ފުރަތަމަ ޞުކޫކް އެވެ. މިގޮތުން އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ ދެވަނަ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާފަ އަދި މިދިޔަ އަހަރު ސްކޫކް ވިއްކައިގެން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފައިވެ އެވެ.

އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓްވާ ކުންފުންޏެކެވެ.