ހަބަރު

މި ލިބުނީ ޝަހީދެއްގެ ދަރަޖަ: އުއްތަމަ ފަނޑިޔާރު

ދައުލަތަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ ހުކުމް އިއްވުމާ ގުޅިގެން "ޝަހީދެއްގެ ދަރަޖަ ލިބިއްޖެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ކުރައްވައި ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ޝަރީއަތުގެ މަޖިލިސް މިއަދު ނިންމަވާލެއްވުމުން އުއްތަމަ ފަނޑިޔާރު ވަނީ ހިތުގެ ޝުއޫރުތައް ބޭރު ކުރައްވާފަ އެވެ.

އާއިލާގެ އެއް ބޭފުޅަކާއި އަށް ނޫސްވެރިޔަކު އަޑުއަހަން ވަދެ ތިބި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، "ޝަހީދެއްގެ ދަރަޖަ ލިބިއްޖެ.... އަދި މަރެއް ނުވޭ،" ކަމަށެވެ.

އޭގެކުރިން ގާޒީ އިބްރާހިމް އަލީއަށް އަޑު އިވޭ ވަރަށް "ގިޔާމަތް ދުވަސް އެބަ އޮތް" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ގާޒީ އިބްރާހިމް އަލީ އެއަށް އެއްވެސް ސަމާލު ކަމެއް ދެއްވާފައެއް ނުވެ އެވެ.

އެހެން ވިދާޅުވުމަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ އަޑުއަހަން ތިބި މީހުންނަށް އަތުން އިޝާރަތް ކުރައްވައި ސަލާމް ކުރައްވާފަ އެވެ. އެވަގުތު އުއްތަމަ ފަނޑިޔާރު ހިނިތުންވެ ހުންނެވި ނަމަވެސް މޫނު މަތިން ނުތަނަވަސްކަން ފެނެ އެވެ. ޝަރީއަތުގެ މަޖިލީހުން ނުކުމެވަޑަައިގެންނެވީ ވެސް އަތުގެ އިޝާރާތުން ސަލާމް ކުރައްވަމުންނެވެ.

މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ކުރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވިިއިރު 10 ދުވަސް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.

ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ޖަލު ހުކުމް ދަމަހައްޓައިފިނަމަ، އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެ އެވެ.