ދުނިޔެ

އީރާނުގެ ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ނިކުމެއްޖެ

May 9, 2018

އީރާނުން ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެގައުމާއި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ހަދާފައިވާ ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ނިކުމެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނިންމަވައި އެކަން މިރޭ އިއުލާން ކުރައްވައިފި އެވެ.

އެ އެގްރިމަންޓް އުވާލިކަން އިއުލާން ކުރައްވަމުން ވައިޓްހައުސްގައި ދެއްވި ސްޓޭޓްމަންޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ އެއްބަސްވުމަކީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށާއި މިއީ އެމެރިކާއަށް އެއްވެސް ފައިދާއެއް ކުރާ އެގްރިމަންޓެއް ނޫން ކަމަށެވެ. އަދި އެ އެގްރިމަންޓަކީ އޭގެ މަގުސަދުތައް ހާސިލް ނުވާ ބޭކާރު އެގްރިމަންޓެއް ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި އީރާނުގެ ނިއުކުލިއާ ޕްރޮގްރާމް އެ ގައުމުން އެހެން ހަރުފަތަކަށް ގެންގޮސްފާނެ ކަމަށެވެ.

އެހެން ނަމަވެސް އީޔޫ އާއި އެ ޖަމާއަތުގެ ގައުމުތަކުން ބުނެފައި ވަނީ، އެމެރިކާގެ މި ނިންމުމާ މެދު ހިތާމަ ކުރާ ކަމަށާއި އީރާނާ އެކު ހަދާފައިވާ ނިއުކުލިއާ އެއްބަސްވުން އެ ގައުމުތަކުން ދަމަހައްޓައި އެ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށެވެ. އެމެރިކާ ވަކިވި ނަމަވެސް، އީރާނުގެ އެއްބަސްވުން ދަމަހައްޓާނެ ކަން ހާމަކުރި ގައުމުތަކުގެ ތެރޭގައި ޔޫކޭ، ފްރާންސް، ޖާމަނީ ހިމެނެ އެވެ.

ނަމަވެސް، އީރާނާ އެކު ޒަމާނުއްސުރެ ވާދަވެރިކަން އޮންނަ ސައުދީ އަރަބިއްޔާ އަދި އިޒްރޭލުން ވަނީ އީރާނުގެ އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

ޓްރަމްގެ ނިންމުން، އިއުލާން ކުރެއްވިތާ އިރުކޮޅެއްގެ ތެރޭގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމީ ޓީވީ މެދުވެރި ކުރައްވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކުލިއާ އެއްބަސްވުމުން ވަކިވި ނަމަވެސް އެ އެއްބަސްވުމުގައި ދެން ސޮއިކޮށްފައިވާ އަނެއް ފަސް ގައުމާ އެކު މަޝްވަރާކޮށްގެން އެ އެއްބަސްވުމުގެ މަތީގައި އީރާނުން ދެމި ތިބޭނެ ކަމަށެވެ. އަދި އީރާނުން އެ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަން އޭނާ ހާމަކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާގެ މި ނިންމުމުން ދޭހަވަނީ އެ ގައުމަކީ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާ ގައުމެއް ކަމަށެވެ.

"މިކަމުގެ ބޭނުމަކީ އީރާނާއި މި ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އެހެން ވެސް ގޮތްގޮތުން ބިރު ދެއްކުން. އެހެން ނަމަވެސް އެމެރިކާގެ ރައީސްގެ މި ބިރުދެއްކުމަށް އީރާނުން ފަހަތަކަށް ނުޖެހޭނެ އަދި ބިރެއް ވެސް ނުގަނޭ. އީރާނުން އެހެން ބާރުތަކާ އެކު ސާބިތުކަމާ އެކު ދެމިތިބޭނަން،" ރޫހާނީ ވިދާޅުވި އެވެ.

މި އެގްރިމަންޓް އުވާލުމާ ދެކޮޅަށް ރަޝިޔާއިން ބުނެފައި ވަނީ، މި އެގްރިމަންޓް އުވާލުމަކީ މީގެ ސަބަބުން ދުނިޔޭގެ ސުލްހަޔަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކަމަށެވެ.

އީރާނުގެ އެއްބަސްވުމުން އެމެރިކާ ނިކުންނަން ދެއްކި މައިގަނޑު އުޒުރަކީ އީރާނުން އެ އެއްބަސްވުމާ ހިލާފަށް ނިއުކުލިއާ ހަތިޔާރު އުފައްދާ ފައްކާކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ތުހުމަތެވެ. އެހެން ނަމަވެސް ނިއުކުލިއާ ހަކަތައާ ގުޅޭ އދ ގެ ޖަމްއިއްޔާ، އައިއޭއީއޭ އިން ވަނީ އީރާނުން ނިއުކުލިއާ އެއްބަސްވުމަށް ފުރިހަމަޔަށް އަމަލު ކުރާ ކަމަށާއި އެ ގައުމުން އެ އެއްބަސްވުމުގައި ބުނާ ގޮތަށް ނިިއުލިއާ ހަތިޔާރު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާ ކަމަށެވެ. އަދި ނިއުކުލިއާ ހަކަތަ އުފެއްދުމުގެ މަސައްކަތް ވެސް އެ ގައުމުން ކުރަނީ އެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އީރާނުގެ ނިއުކުލިއާ އެއްބަސްވުން އުވާލުމަކީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ވައިޓްހައުސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާނާ ދެކޮޅަށް އަޅައި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ގައުމުގެ އިގްތިސާދީ މައިގަނޑު ދާއިރާތައް ކަމަށްވާ، ހަކަތަ އުފެއްދުމާއި ޕެޓްރޯކެމިކަލް އިންޑަސްޓްރީ އަދި މާލީ ހިދުމަތުގެ ދާއިރާއަށް ކަމަށާއި މީގެ އަސަރު އެގައުމަށް ބޮޑުވާނެ ކަމަށެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ ގައުމުތަކުން ވަނީ، އީރާނަށް އިގްތިސާދީ ގޮތުން ދެމުން އަންނަ އެހީތެރިކަން ދަމަހައްޓައި އެ ގައުމާ އެކު ވިޔަފާރީގެ ގުޅުންތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އީރާނުގެ ނިއުކުލިއާ އެއްބަސްވުމުން ނިކުތުމަށް އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ އިޒްރޭލު އަދި ސައުދީ އަރަބިއްޔާއިން އެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅޭ ގޮތުން، އެ އެއްބަސްވުން އެކުލަވާލެއްވި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ޓްރަމްޕްގެ ނިންމެވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އީރާނުގެ އެއްބަސްވުމަކީ އޭގެ ފުރިހަމަ މަގުސަދު ހާސިލްވާ އެގްރިމަންޓެއް ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ނިއުކުލިއާ ހަތިޔާރާ ދުރަށް އީރާނު ގެންދާ ކަމަށެވެ.