ދެކުނު ކޮރެއާގެ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ އެލްޖީ ގްރޫޕުގެ މައި އޮފީހަށް އެގައުމުގެ ޕްރޮސެކިއުޓަރުން ވަދެ އެތަން ބަލައި ފާސްކޮށްފިއެވެ.
ރޮއިޓާސް ބުނީ އެލްޖި ގްރޫޕުގެ އޮފީސް ބަލައި ފާސްކުރީ އެކުންފުނި ކޮންޓްރޯލްކުރާ އާއިލާގެ މެމްބަރުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފަައިސާތަކެއް ނުދައްކާ އޮތް ކަމުގެ ތުހުމަތަށް ކުރާ ތަހުގީގެއްގައި ކަމަށެވެ. ދެކުނުކޮރެއާގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި އެލްޖީ ގްރޫޕްގެ އެފިލިއޭޓް ކުންފުންޏެއްގެ ހިއްސާ އެހެން ކުންފުންޏަކަށް ބަދަލުކުރުމުން ، ކެޕިޓަލް ގެއިންސް ޓެކްސްގެ ގޮތުގައި އެލްޖީ ގްރޫޕުން ދައްކަން ޖެހޭ 10 ބިލިޔަން ވޮން(9.25 މިލިޔަން ޑޮލަރު) އޮތީ ނުދައްކައެވެ.
އެލްޖީ ގްރޫޕްގެ ފަރާތުން ރޮއިޓާސްއާ ވާހަކަ ދެއްކި މީހަކު ބުނެފަައި ވަނީ އެމައްސަލައާ ބެހޭ ގޮތުން އެގްރޫން އަދި ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
އެލްޖީ ގްރޫޕަކީ ރައުސްމާލުގެ ގޮތުން ބަލާ ނަމަ ދެކުނު ކޮރެއާގެ ހަތަރުވަނައަށް އެންމެ ބޮޑު ކުންފުންޏެވެ. އެއީ ޓީވީއާއި ކޮމްޕިއުޓަރާއި މޯބައިލް ފޯނުވެސް ހިމެނޭ ގޮތުން އިލެކްޓްރޯނިކްގެ ގިނަ ބާވަތްތަކެއް އުފައްދާ ކުންފުންޏެއް ކަމަށްވާ އެލްޖީ އިލެކްޓްރޯނިކްސް އަކީވެސް އެގްރޫޕްގެ ކުންފުންޏެކެވެ. އެކުންފުންޏާ ދެކޮޅަށް މިހާރު ފަށާފައިވާ ތަހުގީގަކީ ބޮޑެތި ކުންފުނިތަކުން ހިންގާ ގަވައިދާ ހިލާފު ކަންތައްތައް ބެލުމަށް ހިންގަން ފެށި ސިލްސިލާ ތަހުގީގުތަކުގެ ބައެކެވެ.