ދުނިޔެ

ކިމް އަނެއްކާވެސް ކުއްލިގޮތަކަށް ޗައިނާއަށް ވަޑައިގެންފި

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން މަހެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންފިއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ޗައިނާގެ އުތުރުގައިވާ ޑަލިއާން ސިޓީއަށް ކިމް އަންގާރަދުވަހު ކިމް ވަޑައިގެންނެވީ މަތިންދާބޯޓެއްގައި ކަމަށެވެ. އެހެންވެ އެދަތުރުފުޅު ވެފައި ވަނީ އުތުރުކޮރެއާގެ ލީޑަރުކަމަށް ވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކިމް ކުރެއްވި ފުރަތަމަ ވައިގެ ދަތުރަށެވެ. މީގެ ކުރިން ކިމް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ކުރެއްވީ ރޭލުގައެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއައި ނިއުސް އެޖެންސީ ބުނީ ކިމް ޗައިނާއަށް ވަޑައިގެންނެވީ ދެދުވަހުގެ ދަތުރުފުޅެއްގައި ކަމަށާއި އެދަތުރުފުޅުގަައި ޗައިނާގެ ރައީސް ޝީޖިންޕިންއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. ދެކުނުކޮރެއާގެ ރައީސްް މޫން ޖައި އިންެއާއި ކިމް ދާދި ފަހުން ބޭއްވި ބައްދަލުވުމާ ބެހޭ މައުލޫމާތު މަޝްވަރާތަކުގައި ކިމް ޝީއަށް ދެއްވިއެވެ.

ބައްދަލުވުމުގައި ޝީވިދާޅުވީ ކިމްއާއި މޫން ބޭއްވެވި ބައްދަލުވުމަަކީ ސަރަހައްދަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އަދި ޗައިނާއާއި އުތުރުކޮރެއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނާތީ ޝީ ކިމްއަށް ތައުރީފު ކުރެއްވިއެެވެ.

ދުނިޔެއާއި ވަރަށް ބޮޑަށް އެކަހެރިވެގެން އޮތުމަށް ފަހު އުތުރުކޮރެއާގެ ސިޔާސަތު ބަދަލުވާން ފެށީ މިއަހަރުގެ ޖެނުއަރީމަހުއެވެ. އެގޮތުން ގެނައި ބަދަލުތަކާ އެކު ދެކޮރެެއާގެ ވެރިންގެ ބައްދަލުވުމެއް މިދިޔަ އޭޕްރިލްމަހު ބޭއްވިއެވެ. އަދި ކިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބައްދަލުކުރައްވަން ވެސް މިހާރު ވަނީ ނިންމާފައެވެ.