ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 10 މީހުންގެ އެއްވަނަ ޗައިނާގެ ރައީސް ޝީޖިންޕިންއަށް ލިބިވަޑައިގެންފިއެވެ.
ލިސްޓްގެ އެއްވަނަ ޝީއަށް ދިނުމަށް ފަހު އޭނާގެ ތައާރްފްގައި ފޯބްސްއިން ލިޔެފައި ވަނީ ޝީޖިންޕިއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ދެވަނަ އަށް އެންމެ ބޮޑު އިގުތިސާދު އޮންނަ ގައުމުގެ ލީޑަރު ކަމަށެވެ. ޗަައިނާގެ ގާނޫނު އަސާސީ ބަދަލުކޮށް، ރައީސްކަމުގެ ދައުރަށް ވަކި އަދަދެއް ކަނޑައަޅާފައި އޮތް އޮތުން އުވާލާފައިވާ ކަން ވެސް ޝީގެ ތައާރަފްގައި ފާހަގަކޮށްފައި ވެއެވެ.
ޗައިނާގެ ރައީސްކަމަށް 2012 ވަނަ އަހަރު ވަޑައިގެންނެވި ޝީގެ އެހެން ކާމިޔާބީތަކުގެ ގޮތުގައި ފޯބްސް އިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި އޭގެ ފައިދާ ވަރަށް އަވަހަށް ފެންނަން ފެށުން ހިމެނެއެވެ.
ފޯބްސްގެ އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ދެވަނައިގައި ވަނީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ލިބިވަޑައިގެންނެވީ ތިން ވަނައެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ލިސްޓުގައި ދެން ހިމެނިވަޑައިގެންފައި ވަނީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާން، ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާމޭ އަދި އިރާނުގެ ދީނީ ލީޑަރު އަލީ ހުސައިން ޚާމަނާއީއެވެ.
މާކެލްއަށް ހަތަރު ވަނަ އަދި މުހައްމަދަށް އަށް ވަނަ ލިބިވަޑައިގެންނެވި އިރު މޯދީއަށް ލިބިވަޑައިގެންނެވީ ނުވަ ވަނައެވެ. ލިސްޓުގައި ހިމެނޭ މަޝްހޫރު އެހެން ޝަހުޝިއްޔަތުތަކުގެ ތެރޭގައި މައިކްރޯސޮފްޓްގެ ބާނީ ބިލްގޭޓްސްއާއި އެމެޒޯންގެ ވެރިޔާ ޖެފް ބިޒޯސް އާއި ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ހިމެނެއެވެ.