ހަބަރު

އިސްތިއުފާ ދިނަސް އިންސާފު އަރާ ހަމަކުރާނެ: އަމީތު

May 9, 2018
2

ޖަރީމާތައް ހިންގުމަށްފަހު އިސްތިއުފާ ދެއްވި ނަމަވެސް އިންސާފު އަރާ ހަމަކުރާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު މިހެން ވިދާޅުވީ، އިލެކްޝަން ކޮމިޝަން، އީސީގެ މެންބަރު އަހުމަދު ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސް ވަނީ ދެއްވާފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންނަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އެންމެ ބޮޑެތި ޖަރީމާތައް ހިންގެވި އެއް ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން ވަނީ 60،000 ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފަ ކަމަށް 12 މެންބަރުންގެ ގޮނޑީގެ މައްސަލައަށް އިޝާރަތް ކުރައްވައި އަމީތު ވިދާޅުވި އެވެ.

"އެ ޖަރީމާތައް ހިންގުމަށްފަހު އިސްތިއުފާ ދެއްވައި އެހެން މަގާމަކަށް ވަޑައިގެންނެވި ނަމަވެސް އިންސާފު އަރާނެ ހަމަކުރާނެ، އިންސާފު ހޯދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތް ހުއްޓާ ވެސް ނުލާނަން، އަޅުގަނޑުމެންނަށް އިންސާފު ހޯދުމަށް އެ ބޭފުޅުން ކޯޓުތަކަށް ހާޒިރު ވެސް ކުރެވޭނެ،" އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރު އަމީތު ވިދާޅުވި އެވެ.

"މިފަދަ ޖަރީމާތައް ހިންގާފައިވާ ބޭފުޅުން ރައްޔިތުންގެ ހައްގުތަކާ މިހާ ގުޅުން ބޮޑު މަގާމުތަކަށް އައްޔަންކުރުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް، ދެން ހިންގާނީ ކޮންފަދަ ޖަރީމާއެއް ކަމެއް ވެސް ނޭނގޭ،" އަމީތު ވިދާޅުވި އެވެ.

މީގެކުރިން އިލެކްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެފަހުން އޭނާއަށް ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ދެއްވާފަ އެވެ.

މައްސަލަ ބޮޑުވެފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި އިލެކްޝަން ކޮމިޝަނުން މިހާރު ވެސް ދަނީ އެ 12 ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވަމުންނެވެ.