ހަބަރު

ދެ ފަނޑިޔާރުންނަށް ހުކުމް ކުރާނީ ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި

އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގައި ހުކުމް ކުރުމަށް މިރޭ ބާއްވާ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެެން ބާއްވަން ނިންމައިފި އެވެ.

މިރޭ 8:00 ގައި ބާއްވާ އަޑުއެހުން ހުޅުވާލައިގެން ބާއްވަން ކްރިމިނަލް ކޯޓުން ނިންމި އިރު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މީގެ ކުރިން ބާއްވަމުން އައީ ސިއްރުކޮށްގެންނެވެ.

މި މައްސަލާގެ ޝަރީއަތުގައި ދައުލަތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ. މި ދައުވާއަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ކުރާ ދައުވާއެކެވެ.

ސިއްރު ހެކިން ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށެވެ. އޭގެ އިތުރުން ކޯޓު އަމުރުތައް ހުށަހަޅާފައިވަނީ އެއީ އެ ދެ ބޭފުޅުންގެ ނުފޫޒުން ކޮށްފައިވާ ކަންކަން ސާބިތުކުރުމަށެވެ.

ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ކޯޓު އަމުރުތަކުގެ ތެރޭގައި އެ މައްސަލަ ބައްލަވާ ގާޒީ ޝަހީދު ނެރުއްވާފައިވާ އަމުރެއް ވެސް ހިމެނެ އެވެ. އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ ޝަރީއަތުގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެކަމުގައި މަސްލަހަތު ފުށު އެރުމެއް ނެތް ކަމަށް ވަނީ ނިންމާފަ އެވެ.

މި މައްސަލައާ ގުޅޭ ބައެއް ލިޔުންތަކާއި ބަޔާންތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދެ ބޭފުޅުންގެ މައްޗަށް ކުރާއިރު ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ. އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްޔެގައި ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާފަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.