ހަބަރު

އަލީ ހަމީދު ހާލު ގޯސްވުމުން ހުކުމް ކުރުން ކެންސަލް ކުރަން ޖެހިއްޖެ

May 9, 2018
7

ގިނަ ދައުވާތަކެއް އުފުލާފައިވާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ނޭވާ ހާސްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގައި ހުކުމް އިއްވުން ލަސްކޮށްފި އެވެ.

އަލީ ހަމީދު ނޭވާ ހާސްވެ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހުކުމް އިއްވުމުގެ މަޖިލީހަށް ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް، އަލީ ހަމީދު ނޭވާ ހާސްވެ، ހާލު ސީރިއަސްވެގެން އެވެ. ހުކުމް އިއްވުން މިރެއަށް ތާވަލް ކުރީ 7:30 އަށެވެ. ކަރެކްޝަންސް ވެހިކަލެއްގައި އަލީ ހަމީދު އައިޖީއެމްއެޗަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ. މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވީ ސިއްރުކޮށްގެން އެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ހުކުމް ކުރަން ބާއްވާ މަޖިލިސް މީޑިއާތަކަށް ހުޅުވާލައިގެން ބޭއްވުމަށެވެ. ހުކުމް ކުރުމުގެ މަޖިލިސް މިހާރު ދެން ބާއްވާނެ އިރެއް ސާފެއް ނުވެ އެވެ.

މިއަދުވެސް ދެ ފަހަރެއްގެ މަތިން އެ މައްސަލައިގައި ހުކުމް ކުރަން އަޑުއެހުމެއް ބާއްވަން ކޯޓުން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ނާނގާ އެދެ ފަހަރުވެސް އަޑުއެހުން ލަސްކުރި އެވެ.

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސަރުކާރުން އެސްއޯއީ އިއުލާންކޮށް އަލީ ހަމީދު ހައްޔަރުކުރި ފަހުން ވެސް އޭނާ ވަނީ އެއް ފަހަރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. އަދި އަލީ ހަމީދު ކޯޓްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރިރޭ ކޯޓްގައި ސިޑިމަތިން ވެއްޓުމުގެ ސަބަބުން އޭނާއަށް ހިނގަން ވަނީ އުނދަގޫވެފަ އެވެ. އަދި ސިއްހީ މައްސަލަތަކުގެ ސަބަބުން އަލީ ހަމީދު ނިދަނީ، ދޫނިދޫ މެޑިކަލްގައި އޮކްސިޖަން ގުޅައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.