ދުނިޔެ

އިދިކޮޅުން އިންތިޙާބު ކާމިޔާބުކޮށް މެލޭޝިޔާގެ ބޮޑު ވަޒީރަކަށް މަހާތީރު

May 10, 2018
4

މެލޭޝިއާގައި މިއަދު ބޭއްވި އާއްމު އިންތިހާބުގެ އަގުލަބިއްޔަތު ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަން، ޕަކަޓާން ހަރަޕަން (ޕީއެޗް) އަށް ކާމިޔާބުވެފައިވާކަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިރޭ ކަށަވަރުކޮށްދީފި އެވެ.

އެ އިއްތިހާދުގެ ލީޑަރު އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އުމުރުން 92 އަހަރުފުޅުގެ ޑރ. މަހާތީރު ބިން މުހައްމަދު ވެސް މީގެ އިރުކޮޅެއް ކުރިން ޕެޓަލިން ޖާޔާގައި ހުންނަ ޝެެރެޓަން ހޮޓަލުގައި، ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، އެ ގައުމުގެ ރިޔާސީ ގަނޑުވަރުން ވެސް ޕީއެޗްއާ ރަސްމީކޮށް ގުޅައި ސަރުކާރު އެކުލަވާލުމުގެ ދައުވަތު މިހާރު ދީފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ރަސްމީކޮށް ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވައި އާ ސަރުކާރު އެކުލަވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

މެލޭޝިޔާގެ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ، މަޖިލީހުގެ 112 ގޮނޑީގެ ތެރެއިން 115 ގޮނޑި ޕީއެޗް ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. މުޅި މަޖިލީހުގައި ހިމެނެނީ 212 ގޮނޑިއެވެ.

މެލޭޝިޔާގައި ވެރިކަން ކުރާތާ 60 އަހަރުވެފައިވާ ބޮޑު ވަޒީރު ނަޖީބުއްރައްޒާގުގެ ޕާޓީ، ބަރީސާން ނެޝަނަލް (ބީއެން) އަށް ލިބިފައި ވަނީ 79 ގޮނޑިކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ. މެލޭޝިއާ ޕާލަމެންޓުގެ އަގުލަބިއްޔަތުގެ އިތުރުން ސްޓޭޓް އެސެމްބްލީތަކުގެ ތެރެއިން ހަ އެސެމްބްލީއެއްގެ އަޣުލަބިއްޔަތުވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނަގައިފަ އެވެ.

ވެރިކަން ކުރާ ޕާޓީ، ބީއެންގެ އިސް އޮފިޝަލުން ވަނީ ބަލި ގަބޫލު ކުރައްވައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި ނަތީޖާއާ ގުޅިގެން ނަޖީބުއްރަޒާގު ވަނީ އޭނާ މިރޭ ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރައްވައިފަ އެވެ. އަދި ބުނެފައި ވަނީ މާދަމާގެ ވަގުތެއްގައި އޭނާ ސްޓޭޓްމަންޓެއް އާންމު ކުރައްވާނެ ކަމަށެވެ.

މެލޭޝިޔާގެ ސަރުކާރުން މިހާރު ވަނީ، މާދަމާ އާއި ހުކުރު ދުވަހަކީ ރަސްމީ ބަންދު ދެ ދުވަސްކަމުގައި ހަމަޖައްސައިފަ އެވެ.

މެލޭޝިޔާގެ އެންމެ ގިނަ ދުވަސް ވަންދެން ބޮޑު ވަޒީރުކަން ކުރެއްވި މަހާތީރު މުހައްމަދު ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އާ ސަރުކާރުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށާއި އާ ސަރުކާރުން ދަމަހައްޓާނީ ގާނޫނީ ހުކޫމަތު ކަމަށެވެ.

"އަހަރުމެން މި އުޅެނީ މީހެއްގެ ކިބައިން ބަދަލި ހިފާކަށް ނޫން. އާ ސަރުކާރުގެ އަމާޒަކީ ގާނޫނީ ހުކޫމަތު ދެމެހެއްޓުން. ކޮންމެ މީހަކު ވިޔަސް ގާނޫނުތަކާ ހިލާފުކަމެއް ކޮށްފި ނަމަ، އެ މީހަކާ މެދު ފައިސަލާ ކުރާނީ ކޯޓްގައި،" މިހާރުގެ ބޮޑު ވަޒީރު ނަޖީބުއްރައްޒާގާ މެދު ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާނެތޯ ސުވާލުކުރުމުން މަހާތީރު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޖިނާއީ ތުހުމަތުތަކެއްގައި ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރެއް ކަމަށްވާ، އަންވަރު އިބްރާހިމްއަށް މައާފް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އިދިިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަންވަރު އިބްރާހިމް ޖަލަށްލީ ސިޔާސީ ދައުވާތަކެއްކޮށް އޭނާ ބޮޑު ވަޒީރުކަމަށް އަޔަދިނުން ހުއްޓުވުމަށެވެ.

މަހާތީރު މުހައްމަދު ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވުމާ އެކު އޭނާާ ވެވަޑައިގަންނަވާނީ ގައުމެއްގެ ވެރިއެއްގެ ގޮތުގައި އިންތިހާބު ކުރި އެންމެ ދުވަސްވީ ބޭފުޅާއަށެވެ.