ދުނިޔެ

ނޭޕާލަށް ފޮނުވާ އެހީގެ ފައިސާ އަށް ވަނީ ކިހިނެތް؟

އިހަކަށް ދުވަހު ނޭޕާލަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުން އެގައުމު އާރާސްތުކުރުމަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީ އެބަ ބޭނުންވެ އެވެ. ނަމަވެސް މިފަދަ އަދަދުތަކުން ނޭޕާލަށް އެހީ ފޯރުކޮށް ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ބައެއް ފަރާތްތަކަށް ފަސްޖެހެ އެވެ.

އެއީ ނޭޕާލުގައި ކޮރަޕްޝަންގެ ފަނި އަޅައިގެން ވެސް، ބިންހެލުމަކާ އެއްވަރުގެ ގެއްލުންތަކެއް އެގައުމަށް ލިބިފައިވާތީ އެވެ. ނުވަތަ ލިބެމުންދާތީ އެވެ.

މިސާލަކަށް އެ ގައުމަށް އައި ބިންހެލުމުގައި ވެރިރަށް ކަތަމަންޑޫ އަށް ލިބުނު ގެއްލުންތަކަށް ބަލާއިރު އެތަނުގެ ގިނަ އިމާރާތްތަކެއް އެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބައެއް ތަންތަން ބިމާ ވެސް ހަމަވެފަ އެވެ. ފާހަގަކޮށްލަން ޖެހެނީ މީގެ ތެރެއިން ވަރަށް ގިނަ އިމާރާތްތަކަކީ ގެދޮރު އިމާރާތްކުރުމަށް ނޭޕާލުގެ ކަމާ ބެހޭ ފަރާތްތަކުން އާންމުކޮށްފައިވާ ގަވާއިދުތަކާ ސީދ ހިލާފަށް ބިނާކޮށްފައިވާ އިމާރަތްތައް ކަމެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގައި ނޭޕަލް ތަމްސީލުކުރާ ޑިރެކްޓަރު، ކެނީޗީ ޔޮކޮޔާމާ ވިދާޅުވެފައި ވަނީ ނޭޕާލުގައި އޮތީ ވަރަށް ވެސް ނިކަމެތި އޮނިގަނޑެއް ކަމަށާއި އިމާރާތްކުރަން ކުރަހަރާ ގޭގެ ކުރެހުމަކަށް ހުއްދަ ނުލިބިއްޖެ ހާލަތެއްގައި ފައިސާގެ ބާރުން އެކަންކޮށް ނިންމާލުމަކީ ނިކަން އާންމު ކަމެއް ކަމަށެވެ.

މިސާލަކަށް މިފަހުން އައި ބިންހެލުމާ އެކު ނޭޕާލުގެ އުމްރާނީ ތަރައްގީގެ ނިކަމެތިކަން ދުނިޔެ އަށް ފެނިގެންދިޔައިރު އެ ދާއިރާގެ ތަރައްގީ އަށް ދުނިޔެ އިން ފޯރުކޮށްދިން ފައިސާގެ ބޭނުން ވެސް އެދެވޭ ގޮތެއްގައި ހިފާފައި ނުވާކަން މި ވަނީ ހާމަވެގެން ގޮސްފަ އެވެ. އެގޮތުން އޮނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ފާއިތުވި ހަތަރު އަހަރު ނޭޕާނަށް 30 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު އޭގެ މާ ބޮޑު ނަތީޖާއެއް ވެސް ނުފެންނަ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައި އޮތް ނޭޕާލަށް ދުނިޔޭގެ ގިނަ ބަޔަކު އެހީ ފޯރުކޮށް ދެމުންދާއިރު ފަގީރުކަމުގެ މައްސަލަ ބޮޑު ނޭޕާލު ކޮރަޕްޝަނުގެ ނުރައްކަލަށް ހުށަހެޅިފައި އޮތް ވަރު އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ކުރި ދިރާސާއަކަށް ފަހު ވެސް ވަނީ ހާމަކޮށްފަ އެވެ.

"ބަލިކަށިވެފައި އޮތް ސަރުކާރުގެ އޮނިގަނޑަކާ އެކު ކޮރަޕްޝަންގެ މައްސަލަ ނޭޕާލުގައި ވަރަށް ބޮޑު،" އެމީހުން ނެރުނު ރިޕޯޓްގައި ނޭޕާލް ސިފަކޮށްފައި ވަނީ މިހެންނެވެ.

ނޭޕާލުގެ ތަރައްގީ އަށް ދުނިޔެ އިން އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ފޯރުކޮށްދޭއިރު އިނގިރޭސި ވިލާތަކީ މި ކެމްޕޭނުގެ ވަރަށް މުހިންމު ބައިވެރިއެކެވެ.

ވަކިން ހާއްސަކޮށް ނޭޕާލުގެ ތަރައްގީއާ ގުޅިފައިވާ އެންޖީއޯތަކުން ބައިނަލްއަގުވާމީ އެހީ ހޯދައިގެން ހިންގާ ހަރަކާތްތަކުގައި ކޮރަޕްޝަންގެ މައްސަލަ އޮތްވަރު އޮޅުންފިލުވައިދީފައިވެ އެވެ.

އެމީހުން ސީދާ ނޭޕާލަށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި އދ. ގެ ޖަމިއްޔާތަކާއި ބޮޑެތި އެހެން އެންޖީއޯތަކާ ގުޅިގެން ނޭޕާލަށް އެހީ ފޯރުކޮށް ދޭ މައިގަނޑު ސަބަބަކީ ވެސް ކޮރަޕްޝަނުން ނޭޕާލް ފޯވެފައި އޮތުމެވެ.

އެހެންވީމަ ދުނިޔެ އިން ނޭޕާލަށް ބިލިއަން ޑޮލަރުން އެހީވަމުންދާއިރު މިފަހަރު ވެސް އެގައުމުން މި އެހީގެ ފައިސާ އަށް ހަދާނެ ގޮތެއް ބުނާކަށް ނޭނގެ އެވެ.

މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް އައި ބިންހެލުމަކީ ގާތްގަނޑަކަށް ފާއިތުވި 30 އަހަރު ތެރޭގައި މި ގައުމަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު މުސީބާތެވެ. ނޭޕާލުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެ ބިންހެލުމަށް ފަހު އާރާސްތުކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް މި މަހުގެ 12 ވަނަ ދުވަހު ހަމަ އެވަރުގެ ބާރުގަދަ ދެ ވަނަ ބިންހެލުމެއް އައި ގޮތުންނެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 8000 އަށް ވުރެ މައްޗަށް އަރާފައިވާއިރު ގާތްގަނޑަކަށް 20000 މީހަކު ޒަޚަމްވެފައިވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ހޯދުމުގެ ކެމްޕޭންތައް ކުރިއަށްދާއިރު މި ދެ ބިންހެލުމާ ގުޅިގެން ނޭޕާލުން 1.7 މިލިއަން ކުޑަކުދިން ބޯފެނަށް ޖެހިފައިވާކަން ފާހަގަކޮށް އެހީގެ ކެމްޕޭން ވަރުގަދަކުރުމަށް ޔުނިސެފުން ގޮވާލާފައިވެ އެވެ.

މި ކެމްޕޭނުގެ އެންމެ ކުރީގައި އޮތީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ސޮސައިޓީސް އެވެ. އެމީހުން މިހާތަނަށް 535 މިލިއަން އެމެރިކާ ޑޮލަރު ރެއިޒްކޮށްފައިވާއިރު ކުއްލި އެހީގެ ގޮތުގައި ޔޫރަޕްގެ އިއްތިހާދުން 3.3 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

ނޭޕާލަށް އެހީ ފޯރުކޮށް ދިނުމަށް ދިވެހި ރެޑް ކްރެސެންޓުން މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ޓެލެތޯން ވެސް ފާހަގަކޮށްލެވެ އެވެ.