ދުނިޔެ

ގެއްލުންވާ ވަރަށް ކެމިކަލް ހުރެގެން މެގީ ނޫޑްލްސް ވިއްކުން އިންޑިއާގައި ހުއްޓުވައިފި

May 22, 2015

ހަށިގަނޑަށް ގެއްލުން ވެދާނެ މިންވަރަށް ލެޑު ހިމެނޭ ކަމަށް ބުނެ، މަޝްހޫރު "މެގީ" ނޫޑްލްސްގެ ގިނަ އަދަދެއްގެ ޕެކެޓުތަކެއް ފިހާރަތަކުން ނެގުމަށް އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން އަންގައިފި އެވެ.

އެހެން ނަމަވެސް، މެގީ ނޫޑްލްސް އުފައްދާ ނެސްލޭ އިންޑިއާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ނޫޑްލްސް އާއި އެ ނޫން ވެސް ހުރިހާ ކާއެއްޗެއް އުފައްދަނީ އެންމެ މަތީ ފެންވަރުގެ ކާރުހާނާތަކާއި ގޮތްތައް ބޭނުންކޮށްގެންނެވެ.

"މެގީ ނޫޑްލްސް އަށް އެމްއެސްޖީއެމްއެއް ނާޅަން. އޭގައި ލެޑު ހިމެނޭ ކަމަށް ޓެސްޓުތަކުން ދައްކާ ނަމަ، އެއީ [ނޫޑްލްސް އުފެއްދުމުގައި ބޭނުންކުރާ] ގުދުރަތީ އެއްޗިހީގައި ހިމެނޭ ލެޑު،" ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ އިންޑިއާ ސަބްސިޑަރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ.

މެގީ ނޫޑްލްސް ވަނީ އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ވަރަށް ގިނަ ގައުމުތަކެއްގައި މަގުބޫލުކަން ހޯދާފަ އެވެ.