ދުނިޔެ

މާމުއި ކުޅަނދުރު ނެތި ދަނީ، ހުރިހާ ގެއްލުމެއް އަހަރުމެންނަށް

May 22, 2015
1

މާމުއި ކުޅަނދުރު ނެތިގެން ދިޔުމަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހަގީގީ ބިރެކެވެ. ދަނޑުވެރިކަމުގެ މަތިވަރު ރަނގަޅުކުރުމަށް އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އައި ކެމިކަލް ތަކުގެ ސަބަބުންނާއި، އެކި ބޭނުންތަކަށް ޖަންގަލިތައް ކޮށައި ސާފު ކުރުމުގެ ސަބަބުން އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މިއަދު މާމުއި ކުޅަނދުރުގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށަށްގޮސް، މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފަ އެވެ. މާމުއި ކުޅަނދުރު ނެތިގެން ގޮސްފިނަމަ ނުލިބޭނީ މާމުއި އެކަންޏެއް ނޫނެވެ. ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތަކުގެ ގަސްތައްވެސް އެއާއިއެކު ނެތިގެންދާނެ އެވެ.

މާމުއި ކުޅަނދުރު (އަދި ކޮންމެވެސް މިންވަރަކަށް، އާދައިގެ ކުޅަނދުރު) އަކީ ގަސްގަހާގެހި ޕޯލިނޭޓް ވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ސޫތްޕެވެ. އެކަން އެހެން މެދުވެރިވަނީ މާމުއި އުފެއްދުމަށް ކޮންމެ ދުވަހަކު، ކޮންމެ ކުޅަނދުރެއް އެތައް ސަތޭކަ މަލަކުން ފޮނިބުއިމަށް ކުރާ މަސައްކަތުންނެވެ.

މާމުއި ކުޅަނދުރު މަރުވަމުންދާ ނިސްބަތް އެންމެ ގާތުން ބަލައި ރެކޯޑް ކުރަމުން އަންނަ އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިނި މޫސުމުގައި މާމުއި ކުޅަނދުރުގެ އާބާދީގެ 30 އިންސައްތަ މަރުވެގެން ދެއެވެ. މިއީ އިގްތިސާދީ ގޮތުން ފޫބެއްދިދާނެ ވަރަށް ވުރެ ބޮޑު ގެއްލުމެވެ. ކެނެޑާގައި 2012 އަދި 2013 ގެ ފިނި މޫސުމުގައި މާމުއި ކުޅަނދުރުގެ އާބާދީގެ 29 ޕަސެންޓް އަދި ޔޫރަޕްގައި 20 ޕަސްންޓް ނެތި، ދިޔަ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މާމުއި ކުޅަނދުރުގެ މުހިއްމުކަން ދެނެގަތުމަށް އެންމެ މުހިއްމު އެއް ގޮތަކީ އޭގެ އިގްތިސާދީ ފައިދާ އަންދާޒާކޮށްލުމެވެ. އެމެރިކާގައި ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެތީގެ ތެރެއިން ސޫފާސޫފީގެ އެހީގައި ޕޯލިނޭޓްވެގެން އުފެދޭ ދަނޑުގޮވާމުގެ އަގު އަހަރަކު 29 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ހަމައެކަނި މާމުއި ކުޅަނދުރުގެ އެހީގައި އުފެދޭ ކާބޯތަކެތީގެ އަގު އަހަރަކު 16 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން 90 އިންސައްތަ އަކީ ގަސްގަހާގެހީގެ ޒަރީޢާއިން ލިޞޭ ކަނާއެވެ. މީގެ ތެރެއިން ކޮންމެ 100 އަކުން 71 ވައްތަރުގެ ގަސްގަހާގެހިން މޭވާ ލިބުމަށް މަގުފަހި ކުރަނީ (ޕޯލިނޭޓް ކުރަނީ) މާމުއި ކުޅަނދުރެވެ. އޭގެ އިޤްތިޞާދީ އަގަކީ އަހަރަކު 365 ބިލިޔަން ޑޮލަރެވެ. މާނައަކީ މާމުއި ކުޅަނދުރުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ދުވާލަކު އެއް ބިލިޔަން ޑޮލަރު ވަދެއެވެ.

މީގެ އިތުރުން މޮނާކް ކޮކާލުގެ އާބާދީވެސް ދަށްވަމުންދާތީ އެމެރިކާއިން ވަނީ މެކްސިކޯއާއި ގުޅިގެން އެތަކެތީގެ މާޙައުލުވެސް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މި މަސައްކަތްތަކުގައި ސަރުކާރެކޭ އެއްވަރަށް ޢާއްމުންނަށްވެސް އެހީތެރި ވެވޭނެކަން، މިކަމުގެ މާހިރުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މާ އަޅާ ގަސްތައް ގިނައިން އެންދުމަށް އެ ފަރާތްތަކުން ވަނީ އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.