ހަބަރު

ދެ ފަނޑިޔާރުންގެ އެންގުމަށް ތަބާވި ކަމަށް ގާޒީއަކު އިންކާރުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވުމުން އެ ފަނޑިޔާރުން އެންގެވި ގޮތަށް އަމަލު ކޮށްފައިވާނެ ކަމަށް ވިދާޅުވެ ދީފައިވާ ބަޔާނަށް ސިއްރު ހެކިވެރިޔަކު އިންކާރު ކުރައްވައިފި އެވެ. އެގޮތަށް އިންކާރު ކުރައްވާފައިވަނީ ދެ ފަނޑިޔާރުންގެ މައްސަލާގައި ހެކި ބަސް ދެއްވި ދެ ހެކިވެރިންގެ ތެރެއިން އެއް ހެކިވެރިޔާ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް އުފުލި ރަސްމީ ހައިިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ. ސިއްރު ހެކިން ހުށަހެޅީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށެވެ. އެ ސިއްރު ދެ ހެކިވެރިންގެ ހެކި ބަހަށް ބަލާއިރު އެކަން ސާބިތުވާ ކަމަށް މިއަދުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސިއްރު ހެކިވެރިންގެ ހެކި ބަހުން ފާހަގަކުރެވުނު ނުކުތާތައް ވެސް ގާޒީ މިއަދު ވިދާޅުވެ ދެއްވި އެވެ. ހެކި ބަސް ދެއްވި ދެ ސިއްރު ހެކިވެރިންނަކީ ގާޒީންކަން ގާޒީ ފާހަގަކުރައްވާފައިވާ ނުކުތާތަކުން ސާފުވެ އެވެ.

ފުރަތަމަ ސިއްރު ހެކިވެރިޔާ ހެކި ބަސް ދެއްވަމުން ވިދާޅުވެފައިވަނީ، އޭނާއަށް އެކެއް ފެބުރުއަރީ ވަނަ ދުވަހުގެ ކުރިން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުގުޅުއްވާ ކަމަށާއި ނަމަވެސް އެ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމަށްފަހު އޭނާއަށް އެ ދެ ފަނޑިޔާރުން ގުޅުއްވި ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކާއި ޖުޑިޝަރީގެ ބޭފުޅުން ހައްޔަރުކުރުމަށް ވިސްނާލުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތް ކަމަށެވެ. އެހެންވެ ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ ކޮން ސިޔާސީ ފަރާތްތަކެއްގެތޯ ބެއްލެވި ކަމަށާއި އޭރު އަމުރު ނެރެފައިވަނީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހުކުމް އިއްވަވަމުން މިއަދު ގާޒީ ވިދާޅުވި ގޮތުގައި އޭނާ ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، އެ އަމުރުތައް ބާތިލުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެގޮތަށް އެންގެވުމުން އެ ބޭފުޅުން އެންގެވި ގޮތަށް އަމަލު ކުރެއްވުމަށެވެ. ނަމަވެސް ހެކި ބަސް ދެއްވަމުން އޭނާ އެކަމަށް އިންކާރު ކުރައްވާފަ ކަމަށް ގާޒީ ވިދާޅުވި އެވެ. ސިއްރު ހެކިވެރިޔާ ހެކި ބަސް ދެއްވަމުން ބަޔާނުގެ އެ ބަޔަށް އިންކާރު ކުރައްވައި ވިދާޅުވެފައިވަނީ އެ އަމުރުތައް ބާތިލުކުރުމަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ކަމަށާއި ނަމަވެސް އަމުރުތައް ބާތިލުކުރެއްވީ އެ ދެ ފަނޑިޔާރުން އެންގެވި ގޮތަށް އަމަލު ކުރެއްވުމަށް ނޫން ކަމަށެވެ. އަމުތައް ބާތިލުކުރީ އޭނާ ވެސް އެ ދިރާސާކުރުމަށްފަހު އެ އަމުރުތައް ދަމަހައްޓަންޖެހޭ ސަބަބެއް އޭރު އޮތް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

އޭގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް ވެސް ދެ ފަނޑިޔާރުން އެންގެވުމުން އެ އަމުރަކީ ލިބިފައިވާ ހެކިތަކަށް ރިޔާއަތްކޮށް ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރު ބާތިލުކުރެވެން ނެތްކަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އެންގެވި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފާހަގަކުރެވުނު ނުކުތާތައް ކިޔައިދެއްވަމުން ގާޒީ ޝަހީދު ވިދާޅުވީ، ފަނޑިޔާރުން ނެރޭ ހުކުމްތަކަކީ އެއްވެސް ނުފޫޒެއް ނެތި ނެރެންޖެހޭ ހުކުމްތަކެއް ކަމަށް ޝަރީއަތާއި ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ފަނޑިޔާރެއްގައި ހުންނަންޖެހޭ ލާޒިމް ސުލޫކީ މިންގަނޑެއް ކަމަށެވެ. އެހެން ކަމަށްވާއިރު އެއްވެސް މީހެއްގެ ނުފޫޒުގައި ފަނޑިޔާރަކު ހުކުމް ނެރެފައިވާނަމަ އެއީ ޖިނާއީ ކުށެއް ކަމަށާއި އެކަމުގެ ޒިންމާ އެމީހަކު ނަގަންޖެހޭނެ ކަމަށެވެ.

ސިއްރު ހެކިވެރިޔާ އެކެއް އަމަލު ކުރެއްވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ގޮތަށް ނޫން ކަމަށް ވިދާޅުވިޔަސް އެ ދެ ފަނޑިޔާރުން އޭނާއަށް ނުފޫޒު ފޯރުވަން އުޅުންކަން ސާބިތުވާ ކަމަށެވެ. އަދި ތަހުގީގަށް ސިއްރު ހެކިވެރިޔާ ދެއްވާފައިވާ ބަޔާނަކީ އެއްވެސް ނުފޫޒެއްގައި ދެއްވާފައިވާ ބަޔާނެއް ނޫން ކަމަށާއި ބަޔާނުގެ އެ ބަޔަށް އިންކާރު ކޮށްފައިވީ ނަމަވެސް ހުށަހަޅާފައިވާ ގަރީނާތަކުން އެނގެނީ އެ އަމުރުތައް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބޭނުންވި ގޮތަށް ބާތިލުކޮށްފައިވާކަން ކަމަށެވެ. އެ އަމުރުތައް ބާތިލުކުރި އެހެން ސަބަބެއް އޭނާއަށް ބުނެދެވިފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ ދެ ފަނޑިޔާރުން ސިއްރު ހެކިވެރިޔާއަށް ނުފޫޒު ފޯރުވައި ކަންތައްތަކެއް ކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށެވެ.

އޭނާގެ ހެކި ބަހުގެ މައްޗަށް ރިޔާއަތްކޮށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް މިއަދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިިއިރު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވި ކަމަށް ބުނާ ބަޔާންތަކެއް މީގެކުރިން ސޯޝަލް މީޑިއާގައި ލީކްވެފައިވެ އެވެ. އޭގެ ތެރޭގައި ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ބަޔާން ހިމެނެ އެވެ.