ސިއްހަތު

ބޭހެއްގެ ސައިޑްއިފެކްޓެއް، އެކަމަކު މިއީ މޮޅެއް!

ބޮލުން ދުވާލަކު 100 ވަރަކަށް އިސްތަށި ވެއްޓުމަކީ އާދައިގެ ކަމެކެވެ. އެކަމަކު މާގިނައިން އިސްތަށި ފޭބުމަކީ ނުތަނަވަސްކުރުވާ ކަމެކެވެ. އެކަމަށް ގާތްގަނޑަކަށް މުޖައްރިބު ހައްލެއް މިހާރު ވަނީ ހޯދިފައެވެ. އަސްލުގައި އޮސްޓިއޮޕޮރޯސިސް ނުވަތަ ކަށިފީވާ ބައްޔަށް ފަރުވާކުރުމަށް އުފެއްދި ބޭހަކުން އިސްތަށި ފޭބުމުގެ މައްސަލައަށް ފަރުވާކުރެވިދާނެކަން ދިރާސާއަކުން ވަނީ އެނގިފައެވެ.

ދަ ޖާނަލް ޕީއެލްއޯއެސް ބަޔޮލޮޖީގައި އަންގާރަ ދުވަހު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގަައި ބުނެފައިވާ ގޮތުގައި އިސްތަށި ފަޅުވައިދޭ މާއްދާ ހޯދުނީ އިމިއުނޯ ސަޕްރެސިވް ޑްރަގެއް ކަމަށްވާ ސައިކްލޮޕޯރިން އޭ އާ ބެހޭ ގޮތުން ކުރި ދިރާސާއެެއްގެ ތެރެއިންނެވެ. އެއީ ގުނަވަންތައް އިންދާ މީހުންނަށާއި އޮޓޯއިމިއުން ބަލި ބަލީގައި އުޅޭ މީހުންނަށް ދިނުމަށް 1980 ގެ އަހަރުތަކުގައި އުފައްދަން ފެށި ބޭހެކެވެ.

އުއްމީދީ ނަތީޖާތަކެއް

ސައިކްލޯޕޯރިން އޭ އަކީ ވަރަށް ވަރުގަދަ ސައިޑް އިފެކްޓްސް ( ބޭހުން ބައެއް ފަހަރު ކުރާ ނުބައި އަސަރު)ކުރިމަތިވާ ބޭހެކެވެ. އެގޮތުން އެބޭސް ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ސައިޑްއިފެކްޓްތަކުގެ ތެރޭގައި ވާގިއެރުމާއި ބޭރަށް ހިންގުން ހިމެނެއެވެ. މީގެ އިތުރުން އެބޭހުން ކުރިމަތިވާ އާދަޔާ ހިލާފު ސައިޑްއިފެކްޓަކީ އިތުރަށް ( އާއްމުގޮތެއްގައި އިސްތަށި ނުހުންނަ ތަންތަނުގައި ވެސް) އިސްތަށި ފެޅުމެވެ.

އެކަން އެހެން ވާތީ ޔުނިވާސިޓީ އޮފް މެންޗެސްޓާގެ ސެންޓަ ފޯ ރިސާޗް ގައި މަސައްކަތްކުރައްވާ ސައިންސްވެރިން ދެކެވަޑައިގެންނެވީ އިސްތަށި ފޭބުމުގެ މައްސަލައިގެ ހައްލަކަށް އެ ބޭސް ވެދާނެ ކަމެކެވެ. ޖީން އެކްސްޕްރެޝަނަށް ބޭހުން ކުރާ އަސަރު ދެނެގަތުމަށް ތަހުލީލު ކުރަން ފެށީ އެހެންވެއެވެ.

އެގޮތުން ކުރި ދިރާސާއިން އެނގުނީ އިސްތަށި ހެދުމަށް ހުރަސް އަޅާ ޕްރޮޓީންއެއް ކަމަށްވާ އެސްއެފްއާރްޕީ1 ހުއްޓުވާ މާއްދާއެއް ސައިކްލޯޕޯރިން އޭގައި އެކުލެވޭ ކަމެވެ. އެ ޕްރޮޓީން އަކީ އިސްތަށި ފެޅުމަށް ހުރަސް އަޅާ ޕްރޮޓީންއަކަށް ވީ ހިނދު އޭގެ މަސައްކަތް ހުއްޓުމުން އިސްތަށި ފަޅަނީއެވެ.

އެހިސާބުން ސައިންސްވެރިން މަަސައްކަތް ފެށީ ސައިކްލޯޕޯރިން އޭ ގައިވާ އެ މާއްދާއާ އެއްގޮތަށް މަސައްކަތް ކުރާ އެހެން މާއްދާއެއް ހޯދުމަށެވެ. އޮސްޓިއޯޕޮރޯސިސްއަށް ފަރުވާ ކުރަން ބޭނުންކުރާ 316606 އަކީ އެފަދަ މާއްދާއެއްކަން އެނގުނީ އެގޮތުން ކުރި މަސައްކަތުންނެވެ.

ލެބޯޓްރީގައި އިސްތަށީގެ މަދަށް ޑަބްލިއުއޭވަައި-316606 އެޅުމުން ސައިންސްވެރިންނަށް އެނގުނީ އިސްތަށިފެޅުވުމުގައި ސައިކްލޮޕޯރިން އޭ އަށް ވުރެ ވެސް ރަނގަޅަށް އެމާއްދާ މަސަައްކަތްކުރާ ކަމަށެވެ.

" މިކަމުން ދައްކައިދެނީ ޑަބްލިއުއޭވައި-316606 އަކީ އިސްތަށިފެޅުވުމަށް ބޭސްވެރިކަމުގެ ގޮތުން ބޭނުންކުރެވިދާނެ އުއްމީދީ އާ ވަސީލަތެއްކަން" ދިރާސާ ރިޕޯޓުގައި ސައިންސްވެރިން ލިއުއްވާފައި ވެއެވެ. އެބޭފުޅުން ފާހަގަކުރައްވާފައިވާ މުހިއްމު އަނެއް ކަމަކީ އެ މާއްދާއަކީ ސައިކްލޮޕޯރިން އޭ އިން ކުރިމަތިވާ ފަދަ ވަރުގަދަ ސައިޑް އިފެކްޓްސް ވެސް ކުރިމަތިނުވާނެ ކަމެވެ.

ދެން ކުރަން އޮތް ދިރާސާއަކީ އިންސާނުންގެ އިސްތަށި ފެޅުވުމަށް އެ މާއްދާ ބޭނުންކުރުން ރައްކާތެރި ކަމަކަށް ވާނެތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާއެވެ.