ހަބަރު

އިދިކޮޅުގެ ފަހު ތަޅާލުންގަނޑު އޮންނާނީ ކަރަކަރާގައި: ރައީސް

ޑިމޮކްރަސީއެއް ނެތިގެން އުޅޭ ބަތަލުންނަކީ އިދިކޮޅު ލީޑަރުން އެކަނި ކަމަށާއި އެ ބޭފުޅުންގެ ފަހު ތަޅާލުންގަނޑު އޮންނާނީ އެކި ކަރަކަރައިގައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެ، އެ ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް މިރޭ ބޭއްވި "ހެސްކިޔާފަ" ޖަލްސާގައި ރައީސް ޔާމީން ވަނީ ރާއްޖެ ގާނޫން އަސާސީ ތަސްދީގު ކުރެވުނު ހިސާބުން ޑިމޮކްރަސީގައި ކުރަމުންދާ ދަތުރު، ކުރު ވާހަކައެއް ގޮތުގައި ސިފަ ކުރައްވައި ވާހަކަފުޅުދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ އެ ދަތުރުގެ ތެރޭގައި ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ސިޔާސީ ލީޑަރުންތަކެއް އިންތިހާބުކޮށް، މުއައްސަސާތަކެއް އުފެއްދި ކަމަށާއި ކުރިން ގަބޫލު ކުރަމުންދިޔަ ގިނަ ކަންކަން ދޫކޮށްލައި ތަހުޒީބީ ގިނަ އުސޫލުތަކެއް ގާއިމް ކުރެވިގެން ދިޔަ ކަމަށެވެ.

ނަމަވެސް އެ ކުރު ވާހަކައިގެ ތެރޭގައި ބޮޑެތި ހާދިސާތަކާއި އިންގިލާބުތަކާއި ގައްދާރުވެރިކަމާއި އުފާވެރިކަމާއި ކުރިއެރުން ފަދަ އެތަށް ކަމެއް ހިނގައިދިޔަ އިރު ކޮރޮޕްޝަނާއި ދެކޮޅަށް އަދި ޑިމޮކްރަސީ ނެތް ކަމަށް ބުނެ، ތެދުވެގެން އުޅުއްވަނީ އިދިކޮޅު ލީޑަރުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ލީޑަރުން ފަހު ތަޅާލުންގަނޑު ތަޅާލާނީ ކިހިނެތްތޯ ސުވާލު ކުރައްވަމުން ރައީސް ވިދާޅުވީ އެ ތަޅާލުންގަނޑު އޮންނާނީ ބޭރުގެ ކަރަކަރާގައި ކަމަށެވެ.

"ދިވެހި ކުރު ވާހަކައިގެ ބަތަލުންނަކީ ކޮބައިތޯ، ކޮރޮޕްޝަންއާއި ޑިމޮކްރަސީ ނެތިގެން އުޅޭ އިރު ބަތަލުން ގޮތުގައި ފަހު ތެޅުންގަނޑު ތަޅާލަން ތިއްބެވި ބޭފުޅުންނަކީ މިއަދު އެ ވިދާޅުވާ ޑިމޮކްރަސީ ގެންނަން ތިބި ބޭފުޅުން، އެ ބޭފުޅުންގަނޑު ކިހިނެތްތޯ ފަހު ތެޅުންގަނޑު ތަޅާނީ، ފަހު ތެޅުންގަނޑު ތަޅަން އެބަ ޖެހޭ ރައްޔިތުންގެ ކުރި މައްޗައް އަންނަން،" ރައީސް ވިދާޅުވި އެވެ. "އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ މިތަނަކު ނޫން، އެ ބޭފުޅުން ތިއްބެވި ކަރަކަރާގައި އެ ތެޅުންގަނޑު އޮންނާނީ، އަޅުގަނޑުމެން މިތިބީ އެ ތެޅުންގަނޑު ބަލައިލަން،"

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ވާހަކަ ވެސް ރައްޔިތުން އެންމެ އުންމީދު ކުރާ ގޮތަށް ނިމިގެންދާން ބޭނުން ނަމަ އިސްލާހު ގެނައި ބަތަލެއް ހުންނާނެ ކަމަށާއި ނަމަވެސް އެ ބަތަލަކީ މުޅި ރާއްޖޭގެ ނިޒާމް ފުންޑާލުމުގެ ތެރޭގައި ބައިވެރިވި މީހާ ކަމަށް ރައްޔިތުން ނިންމަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިހާބެއްގައި ވޯޓުފޮއްޓާ ހަމަޔަށް ދާއިރު ވެސް އެ ކުރު ވާހަކައާ މެދު ވިސްނާލުމަށް ރައީސް އެދިވަޑައިގަތެވެ.

އިދިކޮޅު ލީޑަރުން ރާއްޖެ އިސްލާހު ކުރާ ވާހަކަދައްކަވާތީ އެކަމަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ ރިފޯމް ގެންނަވާނެ ކަމަށް ބުނާ ފަރާތްތަކުގައި އެ ގަބިލުކަން ހުރިތޯ އާއި އެ ލީޑަރުންގެ ފެންނަން ހުރި ސިފަތަކަށް ބަލައިލަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫން އަސާސީގައި ލިޔެވިފައިވާ ނިޒާމްތައް ކޮންމެ މީހެއްގެ މައްޗައް ހިނގައި ކޮންމެ މީހަކު ވެސް ތަބާވާން ޖެހޭއިރު އިސްލާހު ގެންނަން ބުނާ ލީޑަރުން އެކަން ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުން އެކަން ގަބޫލު ކުރާނީ ކިހިނެތްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"ޑިމޮކްރަސީގައި ހުންނަ އުސޫލުތަކާއެއްކޮށް އުޅެން ބޭނުން ނުވާ މީހުން ހައްތަހައިވެސް މިއީ، ހައްތަހާވެސް އެމީހުންގެ މައްޗައް އަންނަ ކަންކަމަށް އިސްތިސްނާ ބޭނުންވާ މީހުން ނޫންތޯ މިތިބީ، އެހެންވެ މި މީހުން ކިހިނެތްތޯ އެހެން މީހުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްދޭނީ، އެ މީހުންނަކަށް އެކަމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރަން އުޅުމުގެ ތެރޭގައި ގިނަ ދަތިތަކާ ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރޭގައި ނުރައްކާތެރިކަންކަމާއި މުޅި ރާއްޖޭގެ ސިޔާދަތި ފުނޑިގެން ދިޔަ ކަންކަމާއި ނިޒާމްތައް ހަރާބުވެގެން ދިޔަ ކަންކަން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ނިމިގެން ދިޔަ އިރު އެކަންކަމުގައި ތިއްބެވީ އިސްލާހު ގެންނަވަން މަސައްކަތް ފެއްޓެވި ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.