ހަބަރު

"ވެރިކަމުގެ މުއްދަތު އިތުރުކޮށް، ބަރުލަމާނީއަށް ބަދަލު ކުރާނަން"

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކޮށް އެ ސަރުކާރުގެ މުއްދަތު ހަ އަހަރު ދުވަހަށް އިތުރު ކުރާނެ ކަމަށާއި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ""ޖަޒީރާ ރައީސް" އިފްތިތާހު ކުރުމުގެ ޖަލްސާއަށް ވީޑިއޯ މެދުވެރިކޮށް އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ސިޔާސީ ނިޒާމް ދިވެހިން ހިޔާރުކުރީ އަދާވަތްތެރި ސިޔާސީ ނިޒާމެއް ދުށުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ތިން ބާރު ވަކިވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކަށް ދިވެހިން ބޭނުންވީ، އެއްބާރު އަނެއް ބާރުގެ މައްޗަށް ގަދަވެގަނެގެން ހިންގާ ވެރިކަމެއް ބޭނުން ނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އާ ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހަތް އިންތިހާބަށް ރައްޔިތުން ވޯޓް ދެއްވާފައިވާ ގޮތަށް ބަލާއިރު ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމް ކުރަން ޖެހޭ ކަމަށާއި އެ ސަރުކާރަކީ ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތައް ގާއިމް ކުރެވޭ ސަރުކާރަކަށްވާން ޖެހޭނެ ކަމަށެވެ. އަދި އެ ސަރުކާރުގެ މުއްދަތަކީ ހަ އަހަރު ދުވަސް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މި ހަ އަހަރުގެ ފުރަތަމަ ދޮޅު އަހަރު ދިވެހިންގެ ތެރޭގައި ގެއްލުމާއި ހިތާމައާ އަނިޔާ ލިބި ތިބި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭންޖެހޭ، ބަދަލުވުމަށް ބޭނުންވާ ހިތްހަލާސްކަން ހޯދައިދޭނެ އަދާލަތު ނުވަތަ ޓްރާންޝިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނެ ބަދަލުތައް ގެނެސް، ޖިނާއީ އަދުލުގެ ނިޒަމާއި، ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، މުސްތަގިލް މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނެ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރަންޖެހޭ، ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށާއި ރާއްޖެ އާއި މި ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެ ކަމަށެވެ. އަދި ބާރުގަދަ ރައީސެއްގެ ސަބަބުން ވެރިކަމުގެ މުޅި ނިޒާމް ގަނޑުބަނޑުވެގެން ގޮސްފި ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް ރައީސް ކަމުގެ ހުވާކުރައްވާނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި ވިދާޅުވީ، ހުވާކުރެއްވުމަށްފަހު ގައުމީ އެއްބައިވަންތަކަމުގެ ރައީސެއްގެ ފުރަތަމަ މަސައްކަތަކަށްވާނީ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް އެއް އަހަރު އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުން ކަމަށެވެ.

"އިތުރުކުރެވުނު އެ އަހަރުގައި ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގުމަށާއި، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނެ ބަދަލުތައް ގެނައުމަށާއި، ޖިނާއީ އަދުލުގެ ނިޒާމާއި، ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކުރުމަށާއި، މުސްތަގިލް މުއައްސަސާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނެ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރުމަށް ބޭނުންވާނޭ ގާނޫނީ އިސްލާހުތައް ގެނައުމުގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އިސްލާހު ހުށައެޅުމަށް އަޅުގަނޑު ހުށައަޅަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖެ ދެކޭނެ އެންމެ މުހިންމު ނިންމުން ނިންމާނެ ރިޔާސީ އިންތިހާބު ކަމަށާއި ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި އާމްދަނީ މަދުވެ، ގޭގެ ކުލި ދެއްކެނީ ކިރިޔާ ކަމަށެވެ. އަދި ބާނާ މަސްކޮޅުގެ އަގު ވެއްޓި، ޓޫރިސްޓުން އަންނަ އަދަދު މަދުވެއްޖެ ކަމަށާއި ރާއްޖޭގެ އިގްތިސާދު ބޮޑުތަނުން މަޑުޖެހިއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވެރިންކުރާ ވައްކަމާއި، ފަސާދަ އިންތިހާއަށް އިތުރުވެއްޖެ، ހަނގުރާމަވެރި ޖަމާއަތްތަތަކާއި ދިވެހިން ގުޅެން ފަށައިފި. ދިވެހި ޒުވާން ޖިންސުންލަތީފުން ހަނގުރާމަވެރިންގެ ޖާރިޔާއިންގެ ގޮތުގައި ވިއްކަން ފަށައިފި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފި، ރަށްރަށާއި ސިޓީތައް ހިންގުމުގެ ތެރެޔަށް ދިވެހިން އަތްބާނާ އެތަންތަނުގެ ހިންގުން ހުއްޓުމަކަށް ގެނެސްފި، ރާއްޖެ އިންތިހާއަށް ދަރަނިވެރިވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެ އެ އިންތިހާބް ކާމިޔާބް ކާމިޔާބުކޮށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އުފައްދާނެ ކަމަށެވެ. އެ ވެރިކަމުގެ ދަށުން ރާއްޖެ ހިންގައި އިސްލާހުކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ނަން ވޯޓް ކަރުދާހުގައި ބޭއްވުމާއިގުޅޭ ގޮތުން އެންމެ ފަހުބަސް ބުނާނީ ރައްޔިތުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.