އިންޑިއާ

ތަމްރީނު ހަދަން އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

May 12, 2018

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ އަސްކަރީ ގުޅުމަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ އަޑުތައް އަރައި، އެފަދަ މަންޒަރުތަކެއް ވެސް ފެނުމަށް ފަހު އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެއަށް ފޮނުވައިފި އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަަމާނު ކެޕްޓަން ޑީކޭ ޝަރުމާއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އިންޑިއާގެ މަނަވަރެއް އިއްޔެގައި ރާއްޖެއަށް ދަތުރު ފެށީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުމުގެ ހަރަކާތެއް ދިވެހި ސިފައިންނާ ގުޅިގެން ހިންގުމަށް ކަމަށެވެ. އަދި ބުނީ ރާއްޖެއަށް ފޮނުވީ އޯފްޝޯ ޕެޓްރޯލް ވެސެލް އައިއެންްއެސް ސުމޭދާ ކަމަށެވެ.

ކެޕްޓަން ޝަރުމާއާ ހަވާލާދީ ނޫހުން ބުނީ މިއަދު އައިއެންއެސް ސުމޭދާ މާލެއަށް ބަނދަރުކުރާނެ ކަމަށެވެ. އެ މަނަވަރު މާލެއަށް އައުމަށް ފަހު އެއަށް ދިވެހިން ސިފައިން ވެސް އަރައިގެން އީއީޒެޑް ޕެޓްރޯލްކުރުމުގެ ހަރަކާތް ހިންގާނީ މިއަދުން ފެށިން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

"މިއީ ޖަޒީރާ ގައުމުގެ އީއީޒެޑްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތެއް،" ކެޕްޓަން ޝަރުމާ ވިދާޅުވި ކަމަށް ޓައިމްސް އޮފް އިންޑިއާގެ ހަބަރުގައި ވެއެވެ.،

އިންޑިއާގެ މަނަވަރެއް ރާއްޖޭގެ އީއީޒެޑް ޕެޓްރޯލް ކުރުމަށް ފޮނުވާފައި މިވަނީ ރާއްޖޭގެ އީއީޒެޑް ޕެޓްރޯލް ކުރުމަށް ރާއްޖެއާ ޕާކިސްތާނުން ކުރިން އެއްބަސްވެފައި ވަނިކޮށެވެ. އޭރުގައި އިންޑިއާއިން އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ.

ރާއްޖެއާ އިންޑިއާ ދެމެދު ނުތަނަވަސްކަމެއް އުފެދުނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވާން ފެށުމާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އިންޑިއާއިން އެއްބާރުލުންދޭން ފެށުމުންނެވެ. އޭރުގައި ޗައިނާއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަށް ވެސް މައްސަލަތަކެއް ކުރިމަތިވިއވެެ. ނަމަވެސް އިންޑިއާ ޗައިނާއާ ދެމެދު އޮތް މައްސަލަތައް ހައްލުކޮށް ދެ ގައުމުން މިހާރު ވަނީ ގުޅުން ބަދަހިކޮށްފަ އެވެ.