ދުނިޔެ

ނާސާއިން މާސްއަށް ހެލިކޮޕްޓަރެއް ފޮނުވަނީ

އެމެރިކާގެ ޖައްވީ އިދާރާ ނެޝަނަކް އެރޯނޯޓިކްސް އެންޑް ސްޕޭސް އެޖެންސީ (ނާސާ) އިން 2020 ވަނަ އަހަރު މާސްއަށް ފޮނުވަން ނިންމާފައިވާ ޖައްވީ އުޅަނދު، "މާސް ރޯވާ" އާއެކު ކުޑަ ހެލިކޮޕްޓަރެއް ވެސް އެ ޕްލެނެޓަށް ފޮނުވާނެ ކަމަށް އެ ޖެންސީން ބުނެފިއެވެ.

ނާސާއިން ބުނީ އަމިއްލައަށް ހަރަކާތްތެެރިވާ "ވަޔަށް ވުރެ ބަރު" ހެލިކޮޕްޓަރެއް މާސްރޯވާއާ އެކު ފޮނުވަނީ އެބާވަތުގެ އުޅަނދުތައް މާސްގައި އޮަޕަރޭޓް ކުރުމަށް ފުރުސަތު އޮތީ ކިހާވަރަކަށް ކަން ދެނެގަތުމަށް ކަމަށެވެ.

"ދުނިޔޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ކަންތައްތައް ކުރުމުގެ ފަހުރުވެރި ތާރީހެއް ނާސާގެ އެބަ އޮތް. އެހެން ޕްލެނެޓެއްގެ އުޑުގައި ގައި ހެލިކޮޕްޓަރެއް އުދުއްސުމުގެ ހިޔާލަކީ ބޮޑު އުފަލެއް،" ނާސާގެ އެޑްމިނިސްޓްރޭޓާ ޖިމް ބްރިޑެންސްޓިން ވިދާޅުވި ކަމަށް އެ ޖެންސީގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.

މާސްއަށް ފޮނުވަން އުޅޭ ހެލިކޮޕްޓަރަކީ ސައިންސަށާއި އާ ހޯދުންތައް ހޯދުމުގެ ދާއިރާއާއި ބަލައި ހޯދުމުގެ މިޝަންތަކާ ގުޅޭ އުއްމީދުތަކެއް އެކުލެވޭ އުޅަނދެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާސްއަށް ފޮނުވަން ނާސާއިން ހެލިކޮޕްޓަރެއް އުފެއްދީ ދެއަހަރު ދުވަސް ހޭދަކޮށްގެންނެވެ. އެގޮތުން އުފެއްދީ ސޮފްޓްބޯލް އެއްހާ ކުޑަ ، ބަރުދަނުގައި 1.8 ކިލޯގްރާމް ހުންނަ އުޅަނދެކެވެ. އޭގެ ބުރަފަތި މިނެޓަކު 3000 ބުރު ޖަހާނެއެވެ. އެއީ ދުނިޔޭގައި މިހާރު ބޭނުންކުރާ ހެލިކޮޕްޓަރުތަކުގެ ބުރަފަތި އެނބުރޭ ވަރަށް ވުރެ 10 ގުނަ އަވަސް މިންވަރެކެވެ.