ދުނިޔެ

ވަގަށް ނެގި ފައިސާ ހޯދަން މަހާތީރު ބޭފުޅަކު އިސްކުރަނީ

މެލޭޝިއާގެ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ބޮޑު ހިޔަނާތުގައި ނަގާފައިވާ ކަމަށް ބެލެވޭ އެތައް ސަތޭކަ މިލިޔަން ޑިލަރެއް ހޯދުމުގެ މަސައްކަތް ކުރައްވަން އެޑްވައިޒަރަކު ހަމަޖައްސަވަން އާ ބޮޑުވަޒު ޑރ. މަހާތީރު ބިން މުހައްމަދު ނިންމަވައިފިއެވެ.

މެލޭޝިއާގެ މަަސްދަރުތަކަކާ ހަވާލާދީ ރޮއިޓާސް ބުނީ މަހާތީރު ވަން އެމްޑީބީގެ ފައިސާ ހޯދުމުގެ މަސައްކަތް އިސްކޮށް ކުރެއްވުމަށް މަހާތީރު ހަވާލުކުރައްވާނީ ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކާ ކަމަށެވެ.

މެލޭޝިއާގެ ބޮވަޒީރުކަން 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަައަށް ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރުގައި 15 އަހަރު ހުންނެވި މަހާތީރު ސިޔާސީ މައިދާނަށް ނުކުންނެވީވެސް ވަަންއެމްޑީބީ ހިޔާނާތުގެ މައްސަލަ ފެންމަތިވުމުންނެވެ. ވަންއެމްޑީބީގެ ހިޔާނާތުގެ ތެރެއިން އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ހޯއްދެވިކަމަށް ތުހުމަތު ކުރެވޭ ކުރީގެ ބޮޑުވަޒީރުގެ ވެރިކަން ނިމުމަކަށް ގެންނަވަން މަހާތީރު އާޕާޓީއެއް އުފެއްދެވިއެވެ. އެއަށް ފަހު މެލޭޝިއާގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރެއްވި މަސައްކަތުން މިއަހަރުގެ އާއްމު އިންތިހާބުގައި މަހާތީރު ވަނީ ނަޖީބު ބަލިކުރައްވާފައެވެ.

މިދިޔަ ބުދަދުވަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި ހަމަ އެދުވަހުމެ މަހާތީރު ވަނީ އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރަައްވާފައެވެ.

ވަން އެމްޑީބީގެ ފައިސާ ހޯދަން ބޭފަޅު ހަމަޖައްސަވަން ނިންމެވި އިރު މަހާތީރުގެ ސަރުކާރުން ވަނީ ނަޖީބާއި އަނބިކަނބަލުން މެލޭޝިއާއިން ފުރުން މަނާކޮށްފައެވެ.