ދުނިޔެ

ޕާޓީގެ ރައީސްކަމުން ނަޖީބު އިސްތިއުފާ ދެއްވައިފި

މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބުގައި އެހައިތަނަށް ވެރިކަމުގައި އޮތް ބަރީސާން ނެޝަނަލް ކޯލިޝަނަށް ކުރިމަވި ނާކާމިޔާބީއާ ގުޅިގެން އެކޯލިޝަނުގެ ޗެއާމަން ކަމުންނާއި ކޯލިޝަންގެ މައި ޕާޓީ އުމްނޯގެ ރައީސް ކަމުން ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އިސްތިއުފާ ދެއްވައިފި އެވެ.

ޕާޓީއާއި ކޯލިޝަނުގެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އޭނާ އިސްތިއުފާ ދެއްވި ދެ މަގާމުގެ މަސްއޫލިއްޔަތުތައް ދެން އަދާ ކުރައްވާނެ ބޭފުޅުންގެ ނަންފުޅުތައް ނަޖީބު އިއުލާނު ކުރެއްވީ ވެރިރަށް ކުއާލަލަމްޕޫރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.

ނަޖީބަށް ފަހުގައި އުމްނޯގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮޮތުން އަދާ ކުރައްވާނީ ޑރ. އަހުމަދު ޒާހިދު ހާމިދީ އެވެ. އޭނާގެ ނައިބެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ހާޝިމުއްދީން ހުސައިންނެވެ. އަދި ބަރީސާން ނެޝަނަލްގެ ޗެއާމަންކަމުގެ މަގާމު ވެސް ވަގުތީ ގޮތުން އަދާކުރައްވާނީ ޑރ. ޒާހިދެވެ.

"އުމްނޯއާއި ބަރީސާން ނެޝަނަލް އަށް ވަނީ [އިންތިހާބުގައި] ބޮޑެތި ގެއްލުންތައް ވެފައި. އަޅުގަނޑަކީ އުމްނޯގެ ރައީސް އަދި ބަރީސާ ނެޝަނަލްގެ ޗެއާމަން. އިސްތިއުފާ ދިނުމަަށް އަޅުގަނޑު ނިންމައިފިން،" މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ނަޖީބު ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ނަޖީބު ރައްޒާގުގެ ވެރިކަން މިދިޔަ ބުދަދުވަހު ނިމުމަކަށް އައީ ކުރީގެ ބޮޑުވަޒީރު އަދި ނަޖީބުގެ މުރުޝިދު ޑރ. މަހާތީރު ބިން މުހައްމަދު އިސްކޮށް ހުންނެވި ޕަކަޓާން ހަރަޕަން އިއްތިހާދުން އިންތިހާބު ކާމިޔާބު ކުރުމުންނެވެ. އެކާމިޔާބީއާއެކު އުރުމުރުން 92 އަހަރުގެ މަހާތީރު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހުގެ ރޭ ކުރައްވާފަ އެެވެ. މަހާތީރަކީ 1981 ވަނަ އަަހަރުން ފެށިގެން ބަރީސާން ނެޝަނަލްގެ ޗެއާމަންގެ ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ޕާޓީއާއި ކޯލިޝަނުން ނަޖީބު އިސްތިއުފާދެއްވާފައި މިވަނީ ކޮރަޕްޝަނުގެ ތުހުމަތުވާތީ ގައުމުން ބޭރަށް ދަތުރުކުރުން އޭނާއަށް މަނާކޮށްފައިވާ ވަގުތެއްގައެވެ.