ދުނިޔެ

ނަޖީބާ ގުޅުން ހުރި އެޕާޓްމަންޓެއް މެލޭޝިއާ ފުލުހުން ފާސްކޮށްފި

މެލޭޝިއާގައި މިދިޔަ ބުދަދުވަހު ބޭއްވި އާއްމުން އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ތިމާގެ ބޭފުޅުންތަކެއް ދިރިއުޅުއްވާ އެޕާޓްމަންޓް ބްލޮކެއް އެގައުމުގެ ފުލުހުން އިއްޔެގައި ބަލައި ފާސްކޮށްފިއެވެ.

މެލޭޝިއާ ފުލުހުންގެ އިސް ދެ އޮފިސަރަކާ ހަވާލާދީ ރޮއިޓާސް ބުނީ ވެރިރަށް ކުއާލަލަމްޕޫރުގައިވާ އެ އެޕާޓްމަންޓް ބަލައި ފާސްކުރީ ވަރަށް ހައްސާސް ލިޔެކިއުންތަކެއް ގައުމުން ބޭރުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަޖީބުގެ އާއިލާގެ ބޭފުޅުންގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައި މިވަނީ ވަންއެމްޑީބީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނަޖީބު ގައުމުން ބޭރަށް ވަޑައިގެންނެވުން އެގައުމުގެ އާ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު މަނާކުރައްވާފައި ވަނިކޮށެވެ.

މެލޭޝިއާ ފުލުހުން ރޮއިޓާސްއަށް ބުނެފައި ވަނީ ފުލުހުން ފިޔަވަޅު އެޅީ އަތްދަބަސް ލުމަށް ހަދާފައި ހުންނަ ގިނަ އަދަދެއްގެ ފޮށިތަކެއް ސަރުކާރުގެ ވެހިކަލެއްގައި ނަޖީބުގެ އަނބިކަނބަލުން ރުސްމާ މަންސޫރުގެ ގެކޮޅަށް ގެންދިޔަ ކަމަށް ބުނެ އާއްމުން ޝަކުވާ ކުރުމުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބު އެހައިތަނަށް ވެރިކަން ކުރަމުން އައި ބަރީސާން ނެޝަނަލް ކޯލިޝަނަށް ނާކާމިޔާބުވީ ނަޖީބަށް ތުހުމަތު ކުރެވޭ ހިޔަނާތުގެ މައްސަލައާ ހެދި އާއްމުން ނުރުހިގެން ކަމަށް ބެލެވެއެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ބޮޑުވަޒީރު މާހާތީރު އިސްކޮށް ހުންނެވި ޕަކަޓާން ހަރަޕަން ކޯލިޝަނުންނެވެ. އުމުރުފުޅުން 92 އަހަރުގެ މަހާތީރަކީ މެލޭޝިއާގައި ކުރިން 22 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 1981 ވަނަ އަހަރުން ފެށިގެން 2003 އާ ހަމައަށް ބޮޑުވަޒީރުކަން ކުރެއްވި އިރު މެލޭޝިއާއަށް އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ.