ދުނިޔެ

އެމެރިކާ އެމްބަސީ ހުޅުވަން ގުދުސުން ބަންގީގެ އަޑު ކަނޑުވާލަނީ

އިޒްރޭލުގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާތީ ގުދުސްގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުން ކޮށްގެން ބަންގި ގޮވުން މަނާކުރަން އިޒްރޭލުން ނިންމައިފި އެވެ.

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތްކަމަށްވާ އަލް މަސްޖިދުލް އަގްސާ އެ ރަށެއްގައިވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލަން އެމެރިކާ ސަރުކާރުން ނިންމީ މިދިޔަ އަހަރު އެވެ. އެރަށަކީ އިޒްރޭލުން 1967 ވަނަ އަހަރު ހިފައި، ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ޔަހޫދީން އާބާދުކުރަމުންދާ ރަށެކެވެ.

އެރަށަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިިގަތުމުން އެކަމާ ދެކޮޅަށް އަރަބި ދުނިޔޭގެ އާއްމުން ވަރުގަދަ މުޒާހަރާތައް ކުރިއެވެ.

އިޒްރޭލުގެ ޗެނަލް 2 އާ ހަވާލާދީ ޕަލެސްޓީނިއަން އިންފޮމޭަޝަން ސެންޓަރުން ބުނީ އެމްބަސީ ހުޅުވާތީ މާދަމާ ބަންގީގެ އަޑު ލައުޑް ސްޕީކަރުތަކުންް އަޑު އިއްވުން މަނާކުރަނީ އެ ރަސްމިއްޔާތަށް އުނދަގޫ ވެދާނެތީ ކަމަށެވެ.

އެމެރިކާ އެމްބަސީ ހުޅުވާތީ ގުދުސުން ބަންގީގެ އަޑު ކަނޑުވައިލުމުގެ އިތުރުން އެރަށުގައި އާދަޔާހިލާފަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅަން ވެސް އިޒްރޭލުން ވަނީ ނިންމާފައެވެ.