ދުނިޔެ

އެމެރިކާއިން ސީރިއާގައި ދޭ ހަމަލާތަކުގައި އާއްމުން މަރުވެފައި ވެދާނެ ކަމަށް އެއްބަސްވެއްޖެ

May 22, 2015

ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާ އިން އިސް ނަގައިގެން ސީރިއާގައި ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި އާއްމުންގެ ބަޔަކު މަރުވެފައި ވެދާނެ ކަމަށް އެ ގައުމުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިއްޔެ ބުނި ގޮތުގައި އަލްގައިދާއާ ގުޅުން އޮންނަ ހޮރާސަން ގްރޫޕާ ދެކޮޅަށް ހާރިމް ސިޓީ ކައިރީގައި މިދިޔަ ނޮވެމްބަރު މަހުގެ 5-6 އަށް ދިން ވައިގެ ހަމަލާއެއްގައި ދެ ކުޑަކުއްޖަކު މަރުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި "ހަނގުރާމައާ ގުޅުމެއް ނެތް" ބޮޑު ދެ މީހަކަށް ވެސް އެ ހަމަލާގައި އެކި ވަރުގެ ޒަހަމްތައް ލިބުނު ކަމަށް އެ އިދާރާ އިން ބުންޏެވެ.

"އެކަމާ މެދު ހިތާމަކުރަން،" ގަލްފުގެ ގިނަ ގައުމުތަކަކުން ވެސް ބައިވެރިވާ އަސްކަރީ ކެމްޕޭނުގެ އިސް ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް ޖޭމްސް ޓެރީ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އާއްމުންނަށް އޮންނަ ނުރައްކާ ވީ އެންމެ ބޮޑަކަށް ކުޑަ ކުރުމަށް، މި ކޯލިޝަނުން ހަމަލާ ދޭނެ ތަންތަން ކަނޑައެޅުމުގެ ތެރޭގައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަން."

އެހެން ނަމަވެސް، ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އެ ހަމަލާ އަމާޒުކުރި އިމާރާތްތަކުގައި އާއްމުންގެ މީހަކު އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް، ހަމަލާގެ ކުރިން އެއްކުރި ތަފްސީލީ މައުލޫމާތުތަކާއި ހެދި އެސެސްމަންޓުތަކުން އެއްވެސް ވަރަކަށް އެނގިފައެއް ނުވެ އެވެ. އެހެންވެ، އެއީ ހަނގުރާމަވެރިން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އިމާރާތްތަކެއް ކަމަށް ނިންމައި ހަމަލާ އައިގެން ކުރިއަށް ދިޔައީ ކަމަށް އެ ތަނުން ބުންޏެވެ.

މިއީ، ސީރިއާގައި ދިން ހަމަލާއެއްގައި އާއްމުންގެ ބަޔަކު މަރުވެފައިވާ ކަމަށް އެމެރިކާ އިން އެއްބަސްވި ފުރަތަމަ ފަހަރު ކަމަށް ވިޔަސް، ސީރިއާގެ ވެރިކަން ވައްޓާލަން ހަނގުރާމަކުރަމުންދާ ފަރާތްތަކާ ގުޅުން އޮންނަ ޖަމާއަތްތަކުން މީގެ ކުރިން ވެސް ވަނީ އެމެރިކާގެ ހަމަލާތަކުގައި އާއްމުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އެ ގޮތުން، އިނގިރޭސި ވިލާތުގައި މަސައްކަތް ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް މަރުވި 2،440 މީހުންގެ ތެރޭގައި އާއްމުންގެ 131 މީހަކު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، ގިނައިން މަރުވެފައި ވަނީ، އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނެވެ.

އެމެރިކާގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި ބަހުރެއިނާއި އުރުދުން އާއި ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭ ކޯލިޝަނުން ވަނީ ސީރިއާގެ އިތުރުން އިރާގުގައި ވެސް ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދީފަ އެވެ. އެހެން ނަމަވެސް، އެ ގައުމުތަކުގެ އިތުރަށް މި ކޯލިޝަންގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުން ބައިވެރިވެފައި ވަނީ އިރާގުގައި ދިން ހަމަލާތަކުގައި އެކަންޏެވެ.