ހަބަރު

ވަކީލަކާއެކު ކޯޓަށް ހާޒިރުވާން އަލީއަށް ފުރުސަތުދީފި

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނަށް ވަކީލަކާއެކު ކޯޓަށް ހާޒިރުވުމަށް ދެ ދުވަހުގެ ފުރުސަތެއް އަނެއްކާވެސް ގާޒީ ދެއްވައިފި އެވެ.

އަލީ ހުސެއިން އަށް ފުރުސަތު ދިނީ އިތުރު 11 މެންބަރުންނާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ.

މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ އޭނާގެ ވަކީލް ސަސްޕެންޝަންގައި ހުންނެވި ކަމަށެވެ. އެހެންވެ އޭނާ އިހްތިޔާރު ކުރާ ވަކީލު ހަމަނުޖެއްސިފައިވާ ކަމަށެވެ. އެހެން މެންބަރުން ވަނީ ވަކީލުން ހަމަޖައްސާފަ އެވެ. ނަމަވެސް އެ މެންބަރުން ބޭނުން ވަނީ އަލީ ހުސެއިންނަށް ވަކީލަކު ހަމަޖެހުމުން އެ މައްސަލާގައި އިތުރަށް ކުރިއަށްދާށެވެ.

މިއަދުގެ ޝަރީއަތުގައި އަލީ ހުސެއިން ވިދާޅުވީ، ކޯޓަށް ހާޒިރުވުމަށް ޗިޓް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ރޭގައި ވަކީލަކާއި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ވަކީލަކު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އެކަމަށް މިއަދު ފޯމް ނުލެވުމުން ވަކީލަކާއެކު ހާޒިރު ނުވެވުނީ ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވި އެވެ. "މިހާރު ވަކީލަކު ހަމަޖެހިފައިވެތޯ،"

ގާޒީ އަރީފްގެ ސުވާލަށް ޖަވާބުދެއްވަމުން އަލީ ހުސެއިން ވިދާޅުވީ، ރޭ ވަކީލަކު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް މިއަދު ހެނދުނު 10:00 ޖެހުމުގެ ކުރިން ފޯމް ނުލެވުނީ ކަމަށެވެ. ދެން އޮންނަ ޝަރީއަތަކަށް ވަކީލަކާއެކު ހާޒިރުވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ގާޒީ އަރީފް ވިދާޅުވީ، މި މައްސަލާގައި ހިމެނޭ އިތުރު މެންބަރުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ އަލީ ހުސެއިންނާއެކު ކަމަށެވެ. ނަމަވެސް އަލީ ހުސެއިނަށް ވަކީލަކު ހަމަ ނުޖެހުމުން މި މައްސަލަ ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ. އަދި ވަކީލަކު ހަމަ ޖެއްސުމަށް ކޯޓުން އަލީ ހުސެއިންނަށް ވަރަށް ގިނަ ފުރުސަތު ތަކެއް ދެވިފައިވާ ކަމަށާއި އުންމީދު ކުރީ މިއަދުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު ވަކީލަކާއެކު ހާޒިރު ނުވެއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވަން ޖެހޭނީ ވަކީލަކާނުލައި އަލީ ހުސެއިން އަމިއްލަ އަށް ކަމަށް ގާޒީ އަރީފް ވިދާޅުވި އެވެ. އަދި އެދުވަހުގެ ޝަރީއަތް ކުރިއަށްދާ ގޮތަށް ބަލާފައި އިތުރު މެންބަރުންނާއެކު ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެ ގާޒީ އަރީފް ވަނީ މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އަލީ ހުސެއިނަށް ވަކީލެއް އައްޔަންކުރުމަށް އެތައް ދުވަހުގެ މުއްދަތެއް ދެވިފައިވީ ނަމަވެސް ވަކީލެއް ހަމަޖެހިފައިނުވާތީ އިތުރު މުއްދަތު ނުދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުގައި އެދިފައި ވެއެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައި ޕީޖީގެ ފަރާތުން އެކަމާ ގުޅިގެން އެއްވެސް އިއުތިރާޒެއް ކޮށްފައެއް ނުވެ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނުމަށް މެންބަރުން ކުރި މަސައްކަތާ ގުޅިގެން ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ. ބާރަ ބޭފުޅުންނަށް ވެސް ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.