ދުނިޔެ

އެމެރިކާ އެމްބަސީ ގުދުސްގައި، އަރަބިން ހިމޭނުން

" ޖެރޫސަލަމް ޑޭ" ގެ ނަމުގައި ޔަހޫދީން ފާހަގަކުރާ ދުވަހުގެ އުފާ ފާޅުކުރަން ގުދުސުއް ޝަރީފަށް ޔަހޫދީންގެ ބައިގަނޑުތައް މިއަދު ވަދެގަތީ އާދައިގެ މަަތިން އިޒްރޭ.ލު ފުލުހުންގެ ހިމާޔަތުގައެވެ. އެކި އެކި ޝިއާރުތައް ފާޅުކޮށް އަޑުގަދަ ކުރަމުން އެމީހުން އެކުރާ ކަމަކީ 1967 ވަނަ އަހަރު އިޒްރޭލުން ގުދުސް ހިފި ހިފުމުގެ އުފާ ފާޅުކުރުމެވެ. އެރަށުގެ އަސްލު ވަޒަންވެރިން ކަަމަށްވާ ފަލަސްތީނީން ދެކެނީ މިއީ ރުޅިއެރުވުމުހގެ އަމަލެއް ކަމަށެވެ.

މާޒީގައި ފެނިފައި ވަނީ މިދުވަސް ފާހަގަކުރަން އެއްވާ ޔަހޫދީން ފަލަސްތީނު މީހުންގެ ފިހާރަތަކުގެ ބިއްލޫރިތައް ތަޅައި މުދަލަށް ގެއްލުންދީފައިވާ ތަނެކެވެ. އަދި އެއާ ދެކޮޅަށް މުޒާހަރާ ކުރާ ފަލަސްތީނު މީހުންގެ އެއްވުންތައް އިޒްރޭލު ސިފައިން ހަރުކަށިކަމާ އެކު ރޫޅާލާ މީހުން މަރައި މީހުން ހައްޔަތުކޮށް އުޅޭ ތަނެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގުދުސްގެ މަގުތަކުގައި ވަނީ ބެރިކޭޑްތައް ޖަހާފައެވެ. ފަަލަސްތީނު މީހުންނަށް ގިނައީ ނުވަދެވޭ މަގުތަކެވެ. އެކަމަކު ބެރިކޭޑްތަކާ ހަމައަށް ޔަހޫދީން އައުމުން އެމީހުންނަށް އެތަން ހުޅުވާލައެވެ. އެގޮތުން އެމީހުން ވަނީ މަސްޖިދުލް އަގުސާއަށް ވެސް ވަދެފައެެވެ. އެހެން އަހަރުތަކަށް ވުރެ އިޒްރޭލު ފުލުހުންގެ ދަތިކުރުމުގެ ފިޔަވަޅުތައް މިއަހަރު ވަނީ އިތުރުވެފައެވެ. އެއީ ގުދުސުގައި އެެމެރިކާ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާތީއެވެ.

މާބޮޑުކަމެއް ނޫން

ގުދުސުގައި ދިރިއުޅޭ ފަލަސްތީނު މީހުން ދެކޭ ގޮތުގައި އިޒްރޭލު މީހުންގެ ފަރާތުން އެމީހުންށް ކޮންމެ ދުވަހަކު ޖެހޭ ތުރާތަކަށް ބަލާއިރު އެމެރިކާ އެމްބަސީ ހުޅުވުމަކީ މާބޮޑު ކަމެއް ނޫނެވެ. އަދި މިއީ އެމެރިކާއާއި އިޒްރޭލުން މާޒީގައި ކަންކޮށްފައިވާ ގޮތަށް ބަލާއިރު ނައިސް ނުދާނެ ދުވަހެއްކަން އެމީހުން ދަނެއެވެ.

" މުހިއްމު މައްސަލައަކި އެމެރިކާ އެމްބަސީ މިތަނަށް ބަދަލުކުރުމެއް ނޫން. ގުފުދުސަކީ އިޒްރޭލުގެ ވެރިރަށް ކަަމަށް ބަލަައިގަންނަ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް [ މިދިޔަ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު] އިއުލާނު ކުރެއްވި ހަބަރު އަޑުއިވިގެން އަހަރެމެން ހައިރާނެއް ނުވޭ. އެބްސީ ބަދަލުކުރުމަށް ވުރެ ނުރައްކާތެރި ކަމަކީ މިތަނުގައި އޮތް ހަގީގަތް. ގުދުސް ޔަހޫދީ ކުރުމަަށް ކުރަމުންދާ މަސައްކަތް،" އަލް ޖަޒީރާއާ އިއްޔެގައި ވާހަކަ ދެއްކި ފަލަސްތީނު މީހެއް ކަމަށްވާ އުސާމާ ބަރުހަމް ބުނެފައި ވެއެވެ.

އޭނާ ބުނެފަައިވާ ގޮތުގައި ގުދުސްގައި ދިރިއުޅޭ ފަަލަސްތީނު މީހެއް ނަމަ މިއަދު އުޅެން ޖެހިފައި ވަނީ ހުރިހާ ދިމާލަކުން އަނިޔާއާ ކުރިމަތިވެފައިވާ ހާލަތެއްގައެވެ.

" ގުދުސަކީ ހިފާފައިވާ ރަށެއް. އެހެންވީމާ އެމްބަސީގެ ސަބަބުން އަހަރެމެންނަށް ކުއްލިއަކަށް ގެއްލުމެއް ވީކަމުގެ އިހުސާސެއް ނުކުރެވޭ،" ބަރުހަމް ބުނެފައި ވެއެވެ.

އެހެން ކަންތައް ހުރި ނަމަވެސް ގުދުސްގެ މައްސަލައަކީ ފަލަސްތީނުމީހުން ކުރާ މަސައްކަތުގެ ނާރެހެވެ. އެކަކު އަޅައި ނުލިޔަސް ގުދުސްގެ ކަންތަކާ އެމީހުުން އުޅޭނެއެވެ. ބަރުހަމް ބުނީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ކޮންނެ މީހަކުވެސް އެކަމުގެ މުހިއްމުކަން އިހުސާސްކުރާ ކަމަށެވެ.

ަަައަރަބިން ހިމޭނުން

ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމުގެ ރައްމިއްޔާތު އޮންނާނީ އެރަށުގެ ގަޑިން މިއަދު މެންދުުރުދަހު 1.00 ގައެވެ. އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން އުޅުއްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑްް ޖޭ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި އޭނާގެ ފިރިކަލުން ޖެރެޑް ކުޝްނާއެވެ.

އެމެރިކާ ވަފުދުގެ ޝަރަފުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭގައި ޖާފަތެއް ބޭއްވިއެވެ. އެ ޖާފަތަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތުގެ އެންމެހާ މެމްބަރުންނާއި އިޒްރޭލުގައިވާ ބޭރުގައުމުތަކުގެ ސަފާރާތަކުގެ ވެރިންނަށް ދައުވަތު ދިނެވެ.،

ޔޫރަޕްގެ ގިނަ ގައުމުތަކުގެ ޑިޕްލޮމޭޓުން ވަނީ އެހަފުލާ ބޮއިކޮޓްކޮށްފައެވެ.

"އަސްލުވެސް އަހަރެމެންނަށް ވޭން ލިބޭނެ އެމެރިކާ އެމްބަސީ މިތާ ހުޅުވީމާ. އެކަމަކު އަހަރެމެންނަށް އެއަށް ވުރެ ބޮޑު ވޭނެއްް ލިބެނީ މިމީހުންގެ [ޔަހޫދީ ވަޒަންވެރިން]ގެ ސަބަބަުން،. އެމްބަސީ ހުޅުވީމާ މިމީހުން އިތުރުވާނެ" އެއްވުމަށް ފަހު އެނބުރި ދާން ފަށާފައިވާ ޔަހޫދީ ގްރޫޕާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އަފާގް އަލް ދަޖާނީ ބުނި ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ވެއެވެ. އަފާފް އަކީ ގުދުސުގެ ޔަތިމު ހާނާތައް ހިންގާ މީހުންގެ ޖަމިއްޔާގެ ވެރިޔާއެވެ.

އަހުގައި ދަތުރުކުރަމުން އައި އިޒްރޭލު ފުލުހުން ފަސްދީ ދިއުމުން އޭނާ ފުން ނޭވައެއް ލިއެވެ.

" އަހަރެންނަކަށް ނޭނގޭ އަރަބި ދުނިޔެ މިހުރިހާ ކަމަކާ ހިމޭނުން އޮވެ، ސިނަމާއެއްގައި ފިލްމެއް ބަލާހެން މިކަންތައްތައް ބަލަން ތިބެނީ ކީއްވެ ކަމެއް، އެމީހުންގެ ޒަމީރު ކޮބާ؟ އޭނާ ބުންޏެވެ.