ދުނިޔެ

އިރާގުގެ އިންތިހާބުގައި ކުރިހޯދީ އީރާނާ ދެކޮޅު ޞަދުރު

އިރާގުގައި ހޮނިހިރު ދުވަހު ބޭއްވި އާއްމު އިންތިހާބުގައި އެގައުމުގެ ޝިޔައީ ލީޑަރުންގެ ތެރެއިން އީރާނާ އެންމެ ގުޅުން ކުޑަ މުގުތަދާ ސަދުރުގެ ޕާޓީއަށް ކުރި ލިބިއްޖެއެވެ.

އެމެރިކާއިން އިރާގު ހިފައި އެގައުމުގެ ސުންނީންގެ ބާރުު މުޅިން ކަނޑުވާލައި ޝިޔައީންނަށް ވެރިކަން ދިން ފަހުން މިހައިތަނަށް އެގައުމުގެ ވެރިކަން ކުރަމުން އައީ އީރާނުން މަދަދުދޭ ލީޑަރުންނެވެ. އެގައުމުގައި މިހައިތަނަށް ހުންނެވި ބޮޑުވަޒީރު ހައިދަރުލް އަބާދީއަކީ އެމެރިކާއާ ގާތް ގުޅުމެއް އޮތް ނަމަވެސް އީރާނާ އެއްކޮޅު ބޭފުޅެކެވެ.

ރޮއިޓާސް ބުނީ އިރާގުގައި ހޮނިހިރު ދުވަހު ނެގި ވޯޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ގުނާ ނިމުނު އިރު އެންމެ ކުރީގައި އޮތީ ސަދުރުގެ ޕާޓީ ކަމަށެވެ. އަދި ދެވަނައިގައި އުޅެނީ އީރާނުން މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރެއް ކަމަށްވާ ހާދީ އަލް އަމީރީއަށެވެ. އަބާދީގެ ޕާޓީ އުޅެނީ ތިން ވަނަައިގައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އިރާގުގެ އިންތިހާބުގައި ސަދުރަށް ކުރި ލިބުމަކީ އީރާނަށް ކުރިމަތިވި ނާކާމިޔާބީއެކެވެ. ސަރަހައްދަށް ނުފޫޒުފޯރުވުމުގައި އީރާނުން ސައުދީއާ ވާދަކުރަމުންދާއިރު އިރާގުގެ ކޮންޓްރޯލް މިހައިތަނަށް އޮތީ އީރާނުގެ އަތުގައެވެ. އެގައުމުގެ ސުންނީ ޖަމާއަތްތަކާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އީރާނުން ވަނީ އަމަލީ ގޮތުން ބައިވެރިވެފަައެވެ. ނަމަވެސް ސަދުރު ވެރިކަމަށް އަތުވެއްޖެ ނަމަ އެކަން އަނެއް ކޮޅަށް ބަދަލުވާނެއެވެެ.

ޝިޔައީންނާ އާއްމުގޮތެއްގައި ދެކޮޅު ސައުދީ ސަރުކާރުން ސަދުރާ މެދު ދެކެނީ ޝިޔައީ އެހެން ލީޑަރުންނަށް ވުރެ ގާތްކޮށެވެ. އެގޮތުން ސައުދީން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހު ސަދުރަށް ދައުވަތުދީގެން އެގައުމަށް ގެންގޮސްފައެވެ. އެ ދަތުރުގައި ސަދުރު ވަނީ އެގައުމުގެ ނުފޫޒު ގަދަ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. ސައުދީއާ އިރާގާ ދެމެދު އޮތް ގުޅުން ވަރަށް ހީނަރުކޮށް އޮތުމަށް ފަހު އަލުން ރަނގަޅުވާން ފެށީ ސަދުރުގެ ދަތުރަށް ފަހުގައެވެ.