ދުނިޔެ

1އެމްޑީބީގެ ތަހުގީގަށް ނަޖީބު ހުރަސްއެޅިކަމުގެ ތުހުމަތު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ބޮޑު ދެ މައްސަލައެއްގެ ތަހުގީގަށް އޭނާ ހުރަސްއެޅުއްވި ކަމަށް ބުނާ މައްސަލައެއް އެގައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ އިސް އޮފިޝަލަކު އެކޮމިޝަނަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މެލޭޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ ބެރްނާމާ ބުނީ އެންޓިކޮރަޕްޝަން ކޮމިޝަން ( އެމްއޭސީސީ) އަށް ނަޖީބުގެ މައްސަލަ ހުށަހެޅުއްްވީ އެކޮމިޝަނުގެ ކުރީގެ ޑައިރެކްޓަރް އޮފް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަންސް އަބުދުއް ރައްޒާގު އިދުރީސް ކަމަށެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރިޓަޔާމެންޓް ފަންޑް (ކިވެޕް)އާއި ވަންއެމްޑީބީ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުއްވުމުގެ އަމަލުތަކެއް ނަޖީބު ހިންގެވިކަމަށެވެ. އެމްއޭސީސީގައި އިދުރީސް އެދި ވަޑައިގެންފައި ވަނީ އެމައްސަލަ ތަހުގީގުކޮށްދިނުމުގެ އިތުރުން ނަޖީބުގެ އެސެޓްސް އިއުލާން ކުރުމަށް އަމުރުކޮށްދިނުމަށެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް ( ވަން އެމްޑީބީ) އަށް ހިޔާނާތްތެރިވެ، ނަޖީބުވެ އަމިއްލަފުޅު އެކައުންޓަށް އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޖަމާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އާ ސަރުކާރުން ވަނީ ނަޖީބު މެލޭޝިއާއިން ފުރުން މަނާކޮށްފަައެވެ.

މިދިޔަ ބުދަދުވަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިހާބު ނަޖީބު އިސްކޮށް ހުންނެވި ބަރީސާން ނެޝަނަލް އިއްތިހާދަށް ނާކާމިޔާބުވީ ވެސް އެ މައްސަލަައާ ހެދިއެވެ. ނަޖީބު އިސްކޮށް ހުންނެވި އުމްނޯ މައި ޕާޓީއެއްގެ ގޮތުގައި އޮންނަ އެ އިއްތިހާދަކީ މެލޭޝިއާ މިނިވަންވީފަހުން މިވީ 61 އަހަރު ވެސް އެގައުމުގައި ވެރިކަން ކުރި ޕާޓީއެވެ.

އިންތިހާބު ނަޖީބަށް ނާކާމިޔާބުވީ އުމްނޯގެ ލީޑަރުގެ ގޮތުގައި ކުރިން މެލޭޝިއާގެ ވެރިކަން 22 އަހަރު ކުރައްވާފައިވާ ޑރ. މަހާތީރު ބިން މުހައްމަދު އިސްކޮށް ހުންނެވި ޕަކަޓާން ހަރަޕަން އިއްތިހާދާ ވާދަކޮށްގެންނެވެ.