ދުނިޔެ

ހައްދެއް ނެތި މަސްބާނާތީ ކަނޑުމަހުގެ ސިނާއަތް ހަލާކުވަނީ

ހައްދެއް ނެތި މަސް ބޭނުން ނުވަތަ "އޯވަ ފިޝިން"ގެ ސަބަބުން ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީ އޮތީ ހަލާކުގެ ތުންފަތް މަތީގައި ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން އެކުލަވައިލި ރިޕޯޓެއްގައި ބުނެފިއެވެ. ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީއަކީ އަހަރަކު 42 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިންޑަސްޓްރީއެކެވެ.

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ޕިއު ޗެރިޓަބުލް ޓްރަސްޓްސް އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އާ ސްޓޮކް އުފެދެން ޖާގަ ލިބޭ މިންވަރަކަށް މަސް ބޭނުން މަދު ކުރަން ސަރުކާރުތަކާއި ވިޔަފާރިތަކުން އެއްބަސްނުވާ ނަމަ މަސްވެރިކަމުން މިހާރު ލިބޭ އާމްދަނީ ލިބުން ހުއްޓުމުގެ ބިރު އެބަ އޮތެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބާޒާރުގައި އެންމެ ހިނގާ ކަނޑުމަހުގެ ބާވަތްތައް ކަމަށްވާ ކަޅުބިލަމަސް، ލޯބޮޑު ކަންނެލި، ރީނދޫ އުރަހަ ކަންނެލި، އެޓްލާންޓިކް ބްލޫފިން، ޕެސިފިކް ބްލޫފިން ، ސަދަން ބްލޫފިން އަދި އަލްބަކޯއިން 2014 ވަނަ އަހަރު މަސްވެރިންނަށް އެކަނިވެސް 12 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަދި ރެސްޓޯރެންްޓްތަކާއި ސުޕަމާކެޓްތައް ހިމެނޭ ގޮތުން މަހުގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ ކޮންޒިއުމާ މާކެޓުން ލިބުނު އަގާ އެކު އެއިންޑަސްޓްރީން އެ އަހަރު 42 ބިލިޔަން ޑޮލަރު ލިބުނު ކަމަށް ވެސް ބުނެފައި ވެއެވެ.

" އެއީ ސިއްރެއް ނޫން ޓޫނާ[ކަނޑުމަހުގެ ބާވަތްތައް[ އަކީ ބޮޑު ވިޔަފާރިއެއް. ވިޔަފާރިއާއި އިކޮލޮޖީގެ ގޮތުން މުހިއްމު މިބާވަތް ހިމާޔަތްކުރަން ކުރާ މަސައްކަތުގެ އަސްލު އަގު އަހަރެމެންނަށް އެނގުނު މިއީ ފުރަތަމަ ފަހަރު،" ޕިއު ގެ ޑައިރެކްޓާ އޮފް ގްލޯބަލް ޓޫނާ ކޮންޒަވޭޝަން އަމަންދާ ނިކްސަން ވިދާޅުވި ކަަމަަށް ދަ ގާޑިއަން ނޫހުގެ ހަބަރުގައި ވެއެވެ.

ކަނޑުމަހަކީ މަސްވެރި މުޖުތަމައުތަކަށް ، ވަކިން ހާއްސަކޮށް ޕެސިފިކް ކަނޑުގެ ޖަޒީރާތަކުގެ މީހުންނަށް އާމްދަނީގެ ގޮތުން ކަނޑުމަހަކީ ކިހާ މުހިއްމު ބާވަތެއްކަންް ވެސް ރިޕޯޓުން ވަނީ އެނގިފައެވެ. ޕެސިފިކް ކަނޑުން 2014 ވަނަ އަަހަރު ބޭނި ކަނޑުމަހުގެ އަގަކީ 22 ބިލިޔަން ޑޮލަރެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެންމެ ގިނައިން ބާނާ ކަނޑުމަހުގެ އަށް ބާވަތުގެ ތެރެއިން ފަސް ބާވަތެއް މިހާރު ވަނީ ނެތި ދިއުމުގެ ބިރު ހީވާހާ މަދުވެފައެވެ. އަދި ކަނޑުމަހުގެ ބާވަތްތައް ބާނާ މިންވަރު ވަކިވަރެއްގައި ހިފަހައްޓަން ކަމަށް ބުނެ އިންޑަސްޓްރީގެ އިސް ފަރާތްތަކުން ދައްކާ ވާހަކަތަައް ވެފައި ވަނީ އެއަށް އަމަލުނުކުރާ ހުސް ވާހަކަތަކަކަށެވެ.

ޕިއު އިން ގޮވާލަނީ ނޫއުރަހަ ކަންނެލި ހިމާޔަތްކުރުމަށާއި ކަޅުބިލަމަސް ހައްދެއް ނެތް ވަރަށް ބޭނުން ހުއްޓުވުމަށްޓަކައި މަސްބާނާ މިންވަރު ސަައިންޓިފިކްކޮށް ބަލައި އަދަދުކުރުމަށެވެ.